މާލޭގައި ހުންނަ ގެސްޓްހައުސެއްގެ ތެރޭގައި ނޭޕާލް މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން ދޫކޮށްލި މީހާ އަލުން ހައްޔަރު ކޮށްފިއެވެ.

މާފަންނު އަވަށުގައި ހުންނަ ގެސްޓްހައުސެއްގައި ނޭޕާލްގެ ރައްޔިތަކު ބަންދުކޮށްގެން ގެންގުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ފުލުހުން ވަނީ އެ މީހާ ހޯދާފައެވެ.

ނޭޕާލަށް ނިސްބަތްވާ އެ މީހާ ރަހީނު ކުރި މައްސަލައިގައި ހައްޔަރުކޮށްގައި ވަނީ ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ. އެ މައްސަލައިގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ތެރެއިން އެކަކު މި މަހުގެ 25 ވަނަ ދުވަހު ދޫކޮށްލާފައިވާއިރު އަނެއްމީހާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ.

މި މައްސަލައާއި ގުޅިގެން ދޫކޮށްލި މީހާ އަލުން ބަނދުކޮށްފައިވާއިރު، މިއަދު ކްރިމިނަލް ކޯޓުން ވަނީ އެ މީހާގެ ބަންދަށް 15 ދުވަސްޖަހާފައެވެ. އަދި ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.