ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސްވެ، ބައެއް ރަށްރަށަށް އުދަ އަރާ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ގެއްލުން ވާނެ ފަދަ މުދާ ފެން ނުޖެހޭ ހިސާބެއްގައި ބެހެއްޓުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެންޑީއެމްއޭ އިން ބުނީ ވާރޭ ވެހި ފެންބޮޑު ވާނެ ކަމަށް ކުރިއާލާ ވިސްނާ ތައްޔާރުވުމަށާއި، ގެއަށް ފެން ނުވަންނާނޭހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ. އަދި ވައި ގަދަ ވުމުގެ ސަބަބުން އެއްލާލާނެ ފަދަ ތަކެތި ބަނދެ ރައްކާތެރި ކުރުމަށާއި، ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުން ކުރާ ތަކެތި ނިއްވާފައި ބެހެއްޓުމަށް ސަމާލު ވުމަށްވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
މީގެއިތުރުން މި ދުވަސްވަރު ވައި ގަދަވެ ކަނޑު ދަތުރު ފަތުރު ކުރަން ދަތިވެފައި ވުމުން ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތި ނުވާނޭ ފަދައިން ދުރާލާ ކަންކަން އިންތިޒާމު ކުރުމަށް ވެސް އެ އޮތޯރިޓީ އިން ވަނީ އެދިފައެވެ.
ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވަނީ ބުނެފައެވެ. އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަހައްދަށް ގަދަވަޔާއެކު ވިއްސާރަކޮށް އާންމު ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން އާންމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުންވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މިއަދުވެސް މެޓް އޮފީހުން ވަނީ މޫސުން ގޯސްވެ ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ރީނދޫ އެލާޓު ނެރެފައެވެ. އެގޮތުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.