އުންމީދަކީ މިހާތަނަށް ރާއްޖެ ދެކޭ އެންމެ ޒިންމާދާރު އަދި މަންފާކުރަނިވި މަޖިލީހަށް 20 ވަނަ ރައްޔިތުންގެ މަޖިލިސްވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ 20 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ތަހުނިޔާ ދެންނެވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ހިތުގެ އިހްލާސްތެރިކަމާއެކު މުބާރަކްބާދު ދަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އުންމީދަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އެންމެ އިތުބާރުހުރި، ގައުމާއި ރައްޔިތުންނަށް މަންފާހުރި ކަންކަން ނިންމާ މަޖިލީހަށް މިފަހަރުގެ މަޖިލިސްވުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރުން މިއަދު ހުވާކުރައްވާފައި ވާއިރު އެ މެންބަރުންނަށް މަގާމުގެ ހުވާލައިދެއްވީ މިއަދު ރައްޔިތުން މަޖިލީހުގެ އިދާރާގައި ބޭއްވި ހާއްސަ ޖަލްސާގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާނެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 66 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައި ވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.
މީގެއިތުރުން އެމްޑީއޭއިން 2 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކާމިޔާބު ކުރެވިފައި ވަނީ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓަކު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވި ނަމަވެސް 9 ކެންޑިޑޭޓަކު ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ. ވުމާއެކު ޕީއެންސީގެ މެންބަރުގެ ޖުމްލަ އަދަދަކީ 75 އެކެވެ.