ފަރެސްމާތޮޑާ އެއާޕޯޓު ސަރަހައްދުގައި ޓުއަރިޒަމް ޒޯނެއް ތަރައްގީ ކުރުމަށްޓަކައި ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްސީއެލް) އިން ބަޔަކާ ހަވާލުކޮށްފިއެވެ.

ރީޖަނަލް އެއާޕޯޓްސްއިން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ސިލްވާ ލޭންޑް ހޮޓެލްސްއާ އެވެ. މިއީ ފަރެސްމާތޮޑާ އެއާޕޯޓާއި އިންވެގެން އޮތް ހުސްބިމުގައި 100 ޓުވަރިސްޓް ކޮޓަރި އެކުލެވޭގޮތަށް ސިޓީހޮޓަލެއް އެޅުމަށް ވެވުނު އެއްބަސްވުމެކެވެ.

މި ސިޓީހޮޓަލްގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔަތުންނަށް 200 އަށް ވުރެގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެން ދިއުމުގެ އިތުރުން އެސަރަހައްދުގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ފަހި ފުރުސަތު ތަކެއް ހުޅުވިގެންދާނެ ކަމަށް އާރްސީއެލް އިން ބުނެއެވެ.

މި މަޝްރޫއާއި ގުޅިގެން އާރްސީއެލްގެ ޑިރެކްޓަރު މުބީން ވިދާޅުވީ، ސަރުކާރުގެ ކަމާ ގުޅުންހުރި ފަރާތްތަކުން ލިބެންޖެހޭ އެއްބާރުލުން ލިބެމުންދާ ކަމުގައި ވާނަމަ 3 މަސްދުވަސް ތެރޭގައި އެގްރީމަންޓްއަކާ ހަމަޔައްދެވި މިޕްރޮޖެޓްގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މި އިންވެސްމަންޓްގެ އަގު 20 މިލިއަން ޑޮލަރަށް އަރައެވެ.

މިވަގުތުވެސް އާރްސީއެލް އިން 7 އެއާޕޯޓު ހިންގަމުންދާކަން ފާހަގަ ކުރައްވާ މުބީން އިތުރަށް ވިދާޅުވީ، އާޕޯޓް ތަކުގައި ހުރި ހުސްބިންތަކުގައި ސިޓީހޮޓާތައް އަޅައި ރައްޔަތުންނަށް އިގްތިސާދީ އިތުރު ފުރުސަތުތައް ހޯދައިދޭން އެކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ހެނދުނުހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިިވާއިރު އާރްސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ. އަދި ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖްމެންޓް ހެޑް އިބްރާހިމް މުހައްމަދެވެ.