20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ހޮވިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އަދުރޭ ހޮވިވަޑައިގެންފައިވަނީ މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަަމަ ޖަލްސާގައި ނެގި ސިއްރު ވޯޓުންނެވެ.

އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

އެ މަގާމަށް އަދުރޭގެ އިތުރުން ހިތަދޫ ދެކުނު ދާއިރާ އިބްރާހިމް ނާޒިލްގެ ވާދަކުރެއްވި ނަމަވެސް 71 ވޯޓުން އަދުރޭ އެ މާގަމު ހޯއްދެވިއިރު ނާޒިލަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ. ބާތިލް 7 ވޯޓު ހިމެނޭއިރު ސައްހަ ވޯޓުގެ އަދަދަކީ 85 އެކެވެ. މި ވޯޓުގައި ރިޔާސަތުގައި އިންނެވި ސިޔާމް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން ނައިބު ރައީސްވެސް މިއަދު ހޮވަން ނިންމާފައިވާއިރު އެ މަގާމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާދަކުރައްވައެވެ.

ސިއްރު ވޯޓު ގުނުމަށް 5 މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލާފައިވާލުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި 5 މެންބަރުންނަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ތާއީދު ކުރައްވާފައިވާއިރު އެ މެންބަރުންނަކީ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.

އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް ސުޕާ މެޖޯރިޓީއާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 66 ގޮނޑި ވަނީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.

މީގެއިތުރުން އެމްޑީއޭއިން 2 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކާމިޔާބު ކުރެވިފައި ވަނީ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓަކު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާއިރު އެއަށްފަހު 9 ކެންޑިޑޭޓަކު ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ. ވުމާއެކު ޕީއެންސީގެ މެންބަރުގެ ޖުމްލަ އަދަދަކީ 75 އެކެވެ.