ރައްޔިތުންގެ މަޖިލީހުގައި 3 އަންހެން މެންބަރުން ތިއްބެވި ނަމަވެސް، އަންހެން މެންބަރުންގެ އަޑު މަޑު ނުވާނެ ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވެއްޖެއެވެ.

ސައުދާ މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުން މަޖިލީހުގެ 20 ވަނަ ދައުރުގެ މެންބަރުންގެ ހުވާ ކުރުމަށް ބޭއްވި ޖަލްސާއަށްފަހު މީޑީއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

އަންހެން 3 މެންބަރުން ތިބިކަމުގައިވީ ނަމަވެސް އަންހެން މެންބަރުންގެ އަޑު މަޑު ނުވާނެކަން ފާހަގަ ކުރައްވާ ސައުދާ ވިދާޅުވީ 3 މެންބަރުން ވެސް ތިއްވެބީ މި މަޖިލީހަކީ ނަމޫނާ މަޖިލީހެއް ކަމުގައި ހެދުމަށް މަސައްކަތް ކުރެއްވުމުގެ އަޒުމުގައި ކަމަށެވެ.

3 މެންބަރުން ތިބި ކަމުގައިވިއަސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ އަޑު ވަކި މަޑެއް ނުވާނޭ،
ސައުދާ

ރައްޔިތުންގެ މަޖިލީހަށް މި ދައުރަށް ސައުދާގެ އިތުރުން ހޮވިވަޑައިގެންނެވި އަންހެން މެންބަރުންނަކީ މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އަސްމާ ރަޝީދު އަދި ހުރާ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ޑރ. އަނާރާ ނައީމެވެ.

20 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުން މިއަދު ހުވާކުރައްވާފައި ވާއިރު އެ މެންބަރުންނަށް މަގާމުގެ ހުވާލައިދެއްވީ މިއަދު ރައްޔިތުން މަޖިލީހުގެ އިދާރާގައި ބޭއްވި ހާއްސަ ޖަލްސާގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާނެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 66 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައި ވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.

މީގެއިތުރުން އެމްޑީއޭއިން 2 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކާމިޔާބު ކުރެވިފައި ވަނީ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓަކު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވި ނަމަވެސް 9 ކެންޑިޑޭޓަކު ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ. ވުމާއެކު ޕީއެންސީގެ މެންބަރުގެ ޖުމްލަ އަދަދަކީ 75 އެކެވެ.