މާލެއިން އެއާޕޯޓަށް ކުރި ދަތުރަކަށް 500 ރުފިޔާ ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މަހުގެ އެއް ވަނަ ދުވަހު ހިނގި އެ ހާދިސާ ތަޖުރިބާ ކުރި އާދަމް ސޯލިހު ނަމަކަށް ކިޔާ މީހަކު އޭނާގެ ފޭސްބުކްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ އަވަސް ރައިޑް އެޕް މެދުވެރިކޮށް މާލެ މާވެޔޮމަގުން އެއާޕޯޓަށް ދިއުމަށް ޓެކްސީ އެއް ނެގީ މެންދުރު ފަހު 1:45 އަށް އަންނަ ގޮތަށް ކަމަށެވެ. އަދި ލަގެޖް ހިފައިގެން ފައިބަން ޖެހޭތީ 10 ވަރަކަށް މިނެޓް ލަސްވެދާނެ ކަމަށް ޑްރައިވަރަށް ގުޅާފައި ބުނި ކަމަށް ވެސް ޕޯސްޓުގައި ބުނެފައި ވެއެވެ.

ނަމަވެސް 1:30 ނުވަނީސް ޑްރައިވަރު އައުމުން އޭނާއަށް ލަސްވެދާނެތީ އެ ދަތުރު ކެންސަލްކޮށް އެހެން ކާރަކަށް ޖެހި ކަމަށް ވެއެވެ. "1:30 ނުވަނީސް ޑުރައިވަރު އައިސް ގުޅަން ފަށައިފި ދެން އޭނަޔަށް ލަސްވެދާނެތީ އެ ކާރު ކެންސަލް ކޮށްފަ އެހެން ކާރަކަށް ޖެހީ، ނަމަވެސް ފަހުން ޖެހި ކާރު އައުމުން ކުރީ ކާރުގެ ޑުރައިވަރު ފަހުން އައި ކާރު ފޮނުވާލި. ދެން އައިސް ކާރަށް އެރުމުން ބުނީ ކީއްވެހޯ އިތުރު ކާރުތަކަކަށް ތިޔަ ޖެހީ" އާދަމްގެ ޕޯސްޓުގައި ވެއެވެ.

https://www.facebook.com/story.php?story_fbid=1030512971991029&id=100050970080505&mibextid=WC7FNe&rdid=K9bhRB2UpMrr7u5Z

އަދި ކާރަށް އަރާ ދުއްވަމުން ގޮސް ބްރިޖާ ހަމައަށް އަރާފައި ކާރު މަޑުކުރަން ޖެހުމުން ޖޫރިމަނާ ލައިގެން 800 ރުފިޔާ އަރާނެ ކަމަށް ޑްރައިވަރު ބުނި ކަމަށް އެ ޕޯސްޓުގައި ވެއެވެ. އަދި އެއީ ކީއްވެހޭ ސުވާލު ކުރުމުން 500 ރުފިޔާ ދިނުމުން ރަނގަޅުވާނެ ކަމަށް ޑްރައިވަރު ބުނި ކަމަށް އާދަމް ސޯލިހު ކިޔައިދިނެވެ.

އިތުރު ޒުވާބެއް ނުކޮށް ގަޑި ޖެހޭތީ 500 ރުފިޔާ ދީފައި ފޭބި ކަމަށް އޭނާ ބުނެފައި ވާއިރު އަދި މިއީ އެކަން އޮންނަ ގޮތްތޯ އާދަމް ވަނީ ސުވާލު އުފައްދާފައެވެ. އޭނާ މި ވާހަކަތައް ހިއްސާ ކުރި އިރު ދަތުރުގެ ތަފްސީލު އެކުލެވޭ ސްކްރީން ޝޮޓްތައް ވެސް ވަނީ ހިއްސާ ކޮށްފައެވެ. އެ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި އެ ދަތުރު ނަގާފައި ވަނީ ސީ ބޯޑު ޖެހި އުޅަނދެކެވެ. އަދި ޑްރައިވަރުގެ މައުލޫމާތު ސާފުކޮށް ފެންނަން ހުއްޓެވެ.

މި މައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީން އަދި ފުލުހުންގެ އިދާރާއިންވެސް ބަލަމުންދާ ކަމެއް ސާފެއް ނޫނެވެ. ދެ އިދާރާގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެއްވެސް އިދާރާއަކުން މި މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކޮށްދީފައި ނުވެއެވެ.

ހިތު ހުރި އަގެއްގައި ޓެކްސީ ޑްރައިވަރުން އަގު ނަގާ މައްސަލަ ބޮޑުވެ ދާދިފަހުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކާރު ދަތުރުތަކުގެ އަގުތައް އަލުން މުރާޖާކޮށް އިއުލާނު ކޮށްފައެވެ. އަދި އަގުތަކާ ހިލާފަށް ދަތުރުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީތަކުން އަމަލު ކުރަމުން އަންނަ ގޮތުން އާންމުންގެ ޝަކުވާތައް ގިނަވެފައިވާ މި ދުވަސްވަރު މީގެ ކުރިންވެސް ޓެކްސީ ކުރާ ޑްރައިވަރުންގެ އެކި މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ. އެގޮތުން ދާދި ފަހުންވެސް ވަނީ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކު ދަތުރު ނެގުމަށްފަހު މަންޒިލަށް ނުގެންގޮސް ފަސިންޖަރަކު ބޭލު މައްސަލައެއްވެސް ބަލަން ފަށާފައެވެ.