20 ވަނަ ރައްޔިތުންގެ މަޖިލިސް ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރިމަތިލައްވައިފިއެވެ.

ނާޒިލް ކުރިމަތިލައްވާފައިވާއިރު އެ މަގާމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރުގެ މައި ޕާޓީ ޕީއެންސީ އިން ކުރިމަތިލައްވާފައި ވަނީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) އެވެ.

އޭގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާދަކުރައްވާއިރު އެ މަގާމަށް ޕީއެންސީ އިން ވާދަކުރައްވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ބޭއްވި މި ޖަލްސާގެ ރިޔާސަތު ބެލަހައްޓަވާފައިވަނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

ވޯޓަށް އެހުމުގެ ކުރިން ކުޑަ ވަގުތު ކޮޅަކަށް މަޖިލީސް ވަނީ މެދުކަނޑާލާފައެވެ.

ސިއްރު ވޯޓަކުން އެ މަގާމަށް މެންބަރުން ހޮއްވަވާއިރު ސިއްރު ވޯޓު ގުނުމަށް 5 މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލާފައިވާލުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި 5 މެންބަރުންނަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ތާއީދު ކުރައްވާފައިވާއިރު އެ މެންބަރުންނަކީ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.

އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް ސުޕާ މެޖޯރިޓީއާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 66 ގޮނޑި ވަނީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.

މީގެއިތުރުން އެމްޑީއޭއިން 2 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކާމިޔާބު ކުރެވިފައި ވަނީ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓަކު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާއިރު އެއަށްފަހު 9 ކެންޑިޑޭޓަކު ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ. ވުމާއެކު ޕީއެންސީގެ މެންބަރުގެ ޖުމްލަ އަދަދަކީ 75 އެކެވެ.