20 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުން ހުވާކުރައްވައިފިއެވެ.
އެ މެންބަރުންނަށް މަގާމުގެ ހުވާލައިދެއްވީ މިއަދު ރައްޔިތުން މަޖިލީހުގެ އިދާރާގައި ބާއްވި ހާއްސަ ޖަލްސާގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާނެވެ.
ދެން އޮންނާނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާ ކަމަށްވާއިރު އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.
އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް ސުޕާ މެޖޯރިޓީއާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު އެ ޕާޓީން ވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް ހަމަޖައްސަވަން ނިންމަވާފައިވާ މެންބަރުން އިއުލާންކުރައްވާފައެވެ. އެގޮތުން އެ ޕާޓީން ވަނީ މަޖިލީހުގެ ރައީސަކަށް ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ހަމަޖައްސަވަން ނިންމަވާފައެވެ.
20 ވަނަ މަޖިލިސް އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 66 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.
މީގެއިތުރުން އެމްޑީއޭއިން 2 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކާމިޔާބު ކުރެވިފައި ވަނީ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓަކު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާއިރު އެއަށްފަހު 9 ކެންޑިޑޭޓަކު ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ. ވުމާއެކު ޕީއެންސީގެ މެންބަރުގެ ޖުމްލަ އަދަދަކީ 75 އެކެވެ.