އިންޑިއާގެ މަދްޔަ ޕަރަދޭޝްގެ އިންދޯރުގައި އަޅުކަމުގައި ބޭނުންކުރާ 258 ތަނަކުން 437 ލައުޑް ސްޕީކަރު ސަރުކާރުން ނަގައިފިއެވެ.
އިންދޯރު ސަރުކާރުން ބުނީ, ލައުޑްސްޕީކަރުތައް ނަގަން ޖެހުނީ އެފަދަ ތަންތަނުގައި އަޑުގަދަ ކުރާ އިރު އަޑު ހުންނަންވާނެ މިންގަނޑެއް ކަނޑައަޅާ ސްޕްރީމްކޯޓުން ނެރެފައި އޮތް ގައިޑްލައިނަށް ވުރެ ބާރަށް އަޑު ހުންނާތީ ކަމަށެވެ.
ލައުޑްސްޕީކަރު ނެގި ތަންތަނުގެ ތެރޭގައި މުސްލިމް އަޅުކަން ކުރާ ތަންތަނާއި ހިންދޫންގެ ފައްޅިތަކާއި ގުރުދުވާރު [ސިކު ދަރިކޮޅުގެ މީހުން އަޅުކަން ކުރަން އެއްވާ ތަންތަން] ތައް ހިމެނެއެވެ.
އިންދޯރު ސަރުކާރުން މި ކުރި ކަންތަކާ ގުޅިގެން ދީނީ އެކި ދަރިކޮޅުގެ މީހުން ރުޅިގަދަވެ ސަރުކާރުގެ އޮފިޝަލުންނާ ބައްދަލު ކޮށް ވަނީ ޝަކުވާ ކޮށްފައެވެ. ނަމަވެސް އޮފިޝަލުން ބުނެފައި ވަނީ އަޑުގަދަ ކުރަން ހައްދެއް އޮންނަ ކަމަށާއި ހައްދުން ނެއްޓުނީމައި ދެން ޖެހޭނީ އެތަކެތި ނަގަން ކަމަށެވެ.
ނަމަވެސް ޝަކުވާ ކުރި މީހުން ބުނީ, ޕާޓީތަކާއި ޑީޖޭތައް ބާއްވާ އަޑުގަދަ ކުރާތީ އާންމުން ޝަކުވާ ކުރާ އިރު ޑީޖޭތައް މަނާ ނުކޮށް ލައުޑްސްޕީކަރުތައް ނަގަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
އިންޑިއާގައި ދީނީ ތަންތަނަށް އަމާޒުކޮށް މިފަދަ ފިޔަވަޅެއް އެޅި އިރު ޗައިނާގައި ވެސް ވަނީ އެގައުމުގައި ހުރި އެންމެ ބޮޑެތި މިސްތަކުގެ ތެރެއިން ބަދަލުނުގެނެސް ޝަދިއަންގައި ހުރި ގްރޭންޑް މޮސްކު [މިސްކިތް] ގެ ގުއްބު ގެއްލުވާލައި ޗައިނާގެ ސަގާފަތާ ގުޅޭ ފުރާޅެއް ލުމުގެ އިތުރުން މުންނާރުތަކުގެ ޑިޒައިންވެސް ބަދަލުކޮށް މިސްކިތުގެ އަރަބި ސިފަ ގެއްލުވާލައިފައެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސްގައި 21,000 ސްކެއާ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއްގައި ހުންނަ މި މިސްކިތުގެ އަރަބި ސިފަ ގެއްލުވާލައިފައި މިވަނީ, ޗައިނާގައި ހުރި މުސްލިމުންނާ ގުޅުންހުރި ތަންތަން ޗައިނާގެ ސަގާފަތާ އެއްގޮތަށް ސިފަ ބަދަލުކުރުމަށް ނުވަތަ ޗައިނާއިން ބުނާގޮތުންނަމަ އިހުއޮތްގޮތަށް ރުޖޫއަކުރުމަށް ހިންގާ ހަރަކާތެއްގެ ދަށުންނެވެ.
ކުރިން ސެޓެލައިޓް ފޮޓޯތަކަށް ބަލާއިރު މިސްކިތެއްގެ ސިފައިފައި މަތިން ފެންނަ އެތަން މިހާރު ފެންނަނީ ފެތުރިފައި އޮތް ބޮޑު ފުރާޅެއްލައިފައި އޮތް ތަނެވެ.
މި ޕްރޮވިންސްގައި ހުރި އެހެން މިސްކިތްތަކުގެ ސިފަވެސް މިގޮތަށް ބަދަލު ކޮށްފައި ވާ އިރު މިއީ މުޅި ޗައިނާގައި ހިންގަމުން އަންނަ ކަމެކެވެ. ޝަދިއަން މިސްކިތާ ގާތްގަނޑަކަށް 100 މޭލު ދުރުގައި ނަޖިއަޔިންގް ގައި ހުރި އެ މިސްކިތް ބަދަލުކުރަން ސަރުކާރުގެ ފަރާތުން ގަދަކަމުން ބަންދު ކުރަން އުޅުނު އިރު އާންމުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ވެސް ހިނގާފައި ވެއެވެ. ނަމަވެސް ޝަދިއަން ގެ މިސްކިތް ބަދަލުކަން ބަންދު ކުރި ނަމަވެސް އާންމުން ނިކުމެ އިދާރާތަކާ ކުރިމަތިލައިފައެއް ނުވެއެވެ. އެއީ ނަޖިޔައިންގްގެ ހާދިސާގައި ކަންކަން ހިނގާ ދިޔަ ގޮތަށް ޝަދިއަންގައި ވުމަށް ނޭދޭތީ ކަމަށް އާންމުންނާ ހަވާލާދީ 'ދަ ގާޑިއަން' ގައި ބުނެފައި ވެއެވެ.