"ރީއިންޓަގްރޭޝަން ވޯޑު"ގެ ނަމުގައި އިޖުތިމާއީ ހުނަރުތައް ދަސްކޮށްދިނުމަށް ހާއްސަ އާ ވޯޑެއް ކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހުޅުވައިފިއެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީއިން ބުނީ މި ވޯޑަކީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ ސިއްހީ، ނަފްސާނީ އަދި އިޖުތިމާއީ ހުނަރު ޕްރޮގްރާމްތަކާއެކު ފަރުވާ ފުރިހަމަކުރުމަށްފަހު އާއިލާތަކަށް ރުޖޫއަވުމުގެ ކުރިން ގޭތެރޭގެ ދިރިއުޅުން ދަސްކޮށްދިނުމަށް ގާއިމް ކުރި ވޯޑެއް ކަމަށެވެ.

އަލަށް ހުޅުވުނު މި ވޯޑު ހާއްސަކުރެވިފައި ވަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ، މުޖުތަމައަށް ނިކުތުމަށް ތައްޔާރުވެފައިވާ އަންހެނުންނަށް ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ. އަދި އަލަށް ހުޅުވުނު މި ވޯޑު ހުޅުވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ގޭތެރޭގެ ދިރިއުޅުމުގައި ބޭނުންކުރާ ހުނަރު ތަކާއި އާންމު އިޖުތިމާއީ ހުނަރުތައް ދަސްކޮށްދިނުން ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެގޮތުން ބަދިގެއާއި އެކު ބޭނުންކުރެވޭ ގެއެއް ގޮތަށް ފަރުމާ ކޮށްފައިވާ މި އިމާރާތަކީ 10 މީހުންގެ ޖާގައިގެ އިމާރާތެކެއްކަން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީއިން ފާހަގަ ކުރެއެވެ. އަދި ފިރިހެނުންނަށް ހާއްސަ 14 އެނދުގެ މިފަދަ އެހެން ވޯޑެއް އަންނަ މަހު ހުޅުވުމުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެއެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީއިން ބުނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް އޯގާތެރިކަމާއެކު، ގާތުން ހިދުމަތް ފޯރުކޮށްދީ، އެފަރާތްތަކުގެ އުނދަގޫތައް ދެނެގަނެ، އެކަންކަން ހައްލުކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އަދި އަމާޒަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެއެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީއިން ވަނީ މި ގެތައް ގެތައް އިމާރާތް ކުރުމަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދިންކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައެވެ.