ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، ގުރައިދޫ މަރުކަޒު ހެލްތު މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ހިންގާ ގޮތަށް ބަދަލުކުރަން، ވަޒީރުންގެ މަޖިލީހު ލަފާފުޅާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. މި ނިންމުމާ އެކު، އެ މަރުކަޒު ހިންގުމުގެ ބަޖެޓާއި މަރުކަޒުގެ މަސައްކަތްތަކާ ހަވާލުވެ ތިބި މުވައްޒަފުން ވެސް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވާނެއެވެ

މީގެ ކުރިން ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގަމުން ދިޔައީ ޖެންޑާ މިނިސްޓްރީގެ ދަށުންނެވެ. ޖެންޑާ މިނިސްޓްރީން އެންމެ ފަހުން ބުނީ ގުރައިދޫ މަރުކަޒުގައި 221 މީހުން އެބަތިބިކަމަށެވެ.

މި ސަރުކާރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް ފަރުވާ ހޯދަމުން އަންނަ ފަރާތްތައް ރީހެބިލިޓޭޓް ކުރުމުގެ ގޮތުން މަރުކަޒުގައި ގިނަ ޕްރޮގްރާމްތަކެއް އަންނަނީ ރާވާ ހިންގަމުންނެވެ. އަދި ގުރައިދޫ މަރުކަޒުގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ބޭނުންކުރަމުން އަންނަ މޮޑެލްގެ ދަށުން ފަރުވާއާއި، ރީހެބިލިޓޭޝަންގެ އިތުރުން، މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް މުޖުތަމައަށް އަނބުރާ ހަވާލުކުރުމަށް ބޮޑު އިސްކަމެއް އަންނަނީ ދެމުންނެވެ.