ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި 221 މީހުން ފަރުވާ ހޯދަމުން އަންނަ ކަމަށާއި ކޮންމެ މީހަކަށް ފަރުވާ ދެނީ ވަކި ހާއްސަ ޕްލޭނެއްގެ ދަށުން ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއިން ބުނެފިއެވެ.
މިފަދައިން ވިދާޅުވީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު އިސްމާއީލްއެވެ.
ގުރައިދޫ މަރުކަޒުގައި ޖުމްލަ 221 މީހުން ފަރުވާ ހޯދަމުން އަންނަކަން ފާހަގަ ކުރައްވާ އާމިނަތު ވިދާޅުވީ މީގެތެރޭގައި ނަފްސާނީ މައްސަލަތަކަށް ހިދުމަތް ހޯދާ 183 ފަރާތެއް ވެސް ހިމެނޭ ކަމަށެވެ. އަދި ދުވަސްވީ މީހުންގެ 31 މީހުންނާއި އެނދުމަތިވެފައިވާ 15 މީހުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް ފަރުވާ ފުރިހަމަކުރުމަށްފަހު، 15 މީހުން އަނބުރާ މުޖުތަމައަށް ނެރެފައިވާ ކަމަށް އާމިނަތު ވިދާޅުވިއެވެ. އަދި ފަރުވާ ފުރިހަމަކޮށްފައިވާ އިތުރު 24 ފަރާތެއް މުޖުތަމައަށް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއީ 10 އަންހެންގެ އިތުރުން 14 ފިރިހެނުން ކަމަށް އޭނާ ވިދާޅުވިއެވެ.
އާމިނަތު ވިދާޅުވީ ގުރައިދޫ މަރުކަޒުގައި ތިބި ހުރިހާ ޕޭޝަންޓުންގެ މެޑިކަލް ރިވިއު ހަދާފައިވާ ކަމަށެވެ. އަދި ކޮންމެ ފަރާތަކަށް ވަކިން ކޭސް ވޯކާއެއް ހަމަޖައްސާފައިވާނެ ކަމަށާއި މަސައްކަތް ކުރަމުންދަނީ އެމީހުންނަށް ބޭނުންވާ އެންމެ ފުރިހަމަ އެހީ ދެވޭނެ ގޮތަށް ކޮންމެ މީހަކަށް ވަކި ޕްލޭނެއް ހަދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މުޅި މަރުކަޒުގެ އެސެސްމެންޓެއް ހަދާފައި ވާއިރު، އެމީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ނުފުދި ހުރިކަން ފާހަގަ ކުރެވުނު ކަމަށް އާމިނަތު ވިދާޅުވިއެވެ. ނަމަވެސް މިހާރު އެކަންކަން ހައްލު ކުރެވިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން އެނދު ނުލިބި ތިބި މީހުންނަށް އެނދު ހަމަކޮށް ނިމިފައިވާ ކަމަށާއި ކޮންމެ ވޯޑަކުން ވެސް ސާފު ބޯފެން ލިބުމުގެ ނިޒާމު ހަމަޖެއްސުމުގެ އިތުރުން ކާތަކެތީގެ ފެންވަރު ރަނގަޅު ކުރެވިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ވެސް މަރުކަޒުގައި ތިބި މީހުންގެ އެކިކަހަލަ ބަލިތައް ދެނެގަނެ ވަރަށް ގިނަ އަދަދެއްގެ ނުނިމި ހުރި ސާޖަރީތައް ނިންމާފައިވާ ކަން އާމިނަތު ފާހަގަ ކުރެއްވިއެވެ. އަދި ސްޕެޝަލިސްޓުންގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މާލެ ގެނެސް ވެސް ފަރުވާ ދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަރުކަޒުގައި ވަރަށް ބޮޑު ވެކް ލޮގެއް އޮތް ނަމަވެސް އެކަން ހައްލު ކުރެވި މިހަފްތާގައި ގެނެވޭ 2 މީހުންނާއެކު ދެން މަރުކަޒަށް ގެންނަން ބެކް ލޮގްގައި ވަނީ އެންމެ މީހެއް ކަމަށެވެ. އަދި މަރުކަޒުންދޭ ފަރުވާތަކަށް ރިއާޔަތް ކުރުމަށްފަހު މަރުކަޒު އަލުން ރީ-ޑިޒައިން ކުރަމުން އަންނަ ކަމަށެވެ.