ނިމިދިޔަ އޭޕްރީލް މަހު ޒަކާތު ހައުސްއިން އެހީގެ ގޮތުގައި އެކި ފަރާތްތަކަށް 506،000 ރުފިޔާ ހަރަދުކޮށްފިއެވެ.

ޒަކާތު ހައުސް އިން މިއަދު ނެރުނު ތަފާސް ހިސާބުތަށް ދައްކާ ގޮތުން ހުސްވި އޭޕްރީލް މަހު އެހީގެ ގޮތުގައި ޖުމްލަ 506،501.88 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އެހީގެ ގޮތުގައި ހަމަޖެހިފައިވާ ޖުމްލަ އަދަަކީ 1،501،370.75 ރުފިޔާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޒަކާތު ހައުސް އިން ބުނި ގޮތުގައި 168 މީހަކަށް ޒަކާތު ފަންޑުން އެހީދީފައިވާއިރު އެހީ ދެވިފައިވާ މައިގަނޑު ކަންތައްތަކަކީ ކެންސަރު ބައްޔަށް ފަރުވާ ކުރާ ފަރާތްތައް، ހިތުގެ އޮޕަރޭޝަން، ނިއުމޯނިއާ، ހަށިގަނޑުގެ ބައެއް ފިހުން، ސިކުނޑީގެ އޮޕަރޭޝަންގެ އިތުރުން އެހެނިހެން ބަލިތަކަށެވެ.

އެގޮތުން ދެވިފައިވާ އެހީތަކަކީ:

  • ކެންސަރު - 373،175 ރުފިޔާ
  • ހިތުގެ އޮޕަރޭޝަން - 106،012 ރުފިޔާ
  • ނިއުމޯނިއާ - 100،000 ރުފިޔާ
  • ހަށިގަނޑުގެ ބައެއް ފިހުން - 165،446 ރުފިޔާ
  • ސިކުނޑީގެ އޮޕަރޭޝަން - 25،443 ރުފިޔާ
  • އެހެނިހެން ބަލި - 731،293 ރުފިޔާ

މީގެއިތުރުން ހާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށް ޒަކާތު ފަންޑުން 9،000 ރުފިޔާ ދީފައިވާ ކަމަށްވެސް އެ އިދާރާ އިން ވަނީ ބުނެފައެވެ.

"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފައި ވަނީ މިިދިޔަ ޑިސެމްބަރު މަހު 18 ވަނަ ދުވަހުއެވެ. އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގުމަށް ހަމަޖެހިފައިވާ އިދާރާއެކެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.