5 ކިލޯގެ މަސްތުވާތަކެތި ހުރި ފޮއްޓަކީ މީހަކު ހަވާލުކުރި އެއްޗެއް ކަމަށް އެ މައްސަލާގައި ހައްޔަރުކުރި މީހާ ބުނެފިއެވެ.
މަސްތުވާތަކެތީގެ މި މައްސަލާގައި މާލޭ އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީގެ ޒުވާނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
އެ މީހާގެ ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހާގެ މަައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށް ބެލެވޭ ކަމަށާއި އެގޮތުން ހެކިންގެ ބަޔާންތަކާއި ސީސީޓީވީ ފުޓޭޖް ސްނެޕްޝޮޓްތަކާއި ތަހުލީލު ރިޕޯޓުތަކާއި ސީން އޮފް ކްރައިމް އޮފިސަސް ރިޕޯޓާއި އިތުރު ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން އެ މީހާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެއެވެ.
ކޯޓުން ބުނެފައިވަނީ އެ މީހާގެ މައްޗަށް ތުހުމަތުކުރެވެނީ އެއާޕޯޓު އިންޓަނޭޝަނަލް ޓާމިނަލްއިން ލަގެޖެއް ބޭރުކުރުމުގައި ގަވާއިދާއި ހިލާފަށް ޑޮމެސްޓިކް ޓާމިނަލްއަށް ގެނައި ކަމަށެވެ. އަދި އެ ދަބަހުން ޖުމްލަ 5 ކިލޯ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކޯޓުން ވެސް ވަނީ ބުނެފައެވެ.
ކޯޓުން ބުނީ އެ މީހާގެ ފަރާތުން ތުހުމަތުތަކަށް އިންކާރުކޮށްފައިވާ ކަމަށާއި ތުހުމަތުކުރެވޭ މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކާއި އެ މީހާ މުއާމަލާތްކޮށްފައި ނުވާ ކަމަށާއި އެ މީހާ ގެންދިޔަ ލަގެޖަކީ މީހަކު ބުނެގެން ގެންދިޔަ އެއްޗެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އޭގައި މަސްތުވާތަކެތި ހުރިކަން އެ މީހާއަށް ނޭނގޭ ކަމަށް ބުނެފައިވާ ކަމަށް ކޯޓުން ބުނެއެވެ.
އެހެންނަމަވެސް ކޯޓުން ބުނީ އެ މީހާގެ އަމަލުތައް ހުރި ގޮތަށް ބަލާއިރު އޭނާ އަމަލުކޮށްފައިވަނީ އެއާޕޯޓުގައި ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާ ހިލާފަށްކަން އެނގޭ ކަމަށެވެ.