މަސް ދުވަހުގެ ބޮޑު ޗުއްޓީއަކަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކިޔަވައިދޭ ވަގުތުތައް ކުރުކުރުމަށް އަންގައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މި ފެށޭ ދިރާސީ އާ އަހަރުގައި:

  • 96 ހާސް ދަރިވަރުން ތައުލީމް ހާސިލްކުރާނެ
  • އޭގެ ތެރޭގައި 40،300 އެއްހާ އަންހެން ދަރިވަރުންނާއި 42،700 އެއްހާ ފިރިހެން ދަރިވަރުން ހިމެނޭ
  • ސަރުކާރުގެ 217 ސްކޫލެއްގައި 83 ހާހެއްހާ ދަރިވަރުން ކިޔަވާނެ
  • އޭގެ ތެރެއިން 17 ހާހެއްހާ ދަރިވަރުން ތައުލީމް ހާސިލްކުރާނީ މާލޭގަ

މިނިސްޓްރީން ވަނީ، މި ފެށޭ ދިރާސީ އާ އަހަރު މާލޭގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 2،250 ދަރިވަރުން ވައްދާފައިވާ ކަމަށާއި، އެހެނިހެން ގްރޭޑްތަކަށް 2،081 ދަރިވަރުން ފޯމު ހުށަހަޅާފައިވާކަން ފާހަގަކޮށްފައެވެ. މިނިސްޓްރީން ބުނި ގޮތުގައި ރަށްރަށުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް 1،126 ދަރިވަރަކު ބަދަލުވެފައިވެއެވެ.

އަދި ސަރުކާރު ސްކޫލްތަކުގައި 12،662 މުދައްރިސުން ކިޔަވައިދޭނެ ކަމަށާއި، އޭގެ ތެރޭގައި 10،729 ދިވެހި މުދައްރިސުންނާއި 1،933 ބިދޭސީ މުދައްރިސުން ހިމެނޭ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.