އުތުރުގެ ރަށެއްގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ އުތުރުގެ (ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅު) ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ ފިލަަން އެހީތެރިވިކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި 29 އަހަރުގެ މީހާ 12 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އަދި ގެވެށި އަނިޔާގެ މައްސަލަ އިތުރުވަމުން އަންނައިރު މިފަދަ އަމަލުތައް ކުރާ ފަރާތްތައް ބަންދުކޮށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފުތަރު ޑިޖިޓައިޒްކޮށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ޝާއިއު ކޮށްފައެވެ. އެ ލިސްޓް ޝާއިއުކުރީ ކުޑަކުދިންނަށް ޖިންސީީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ކުށްވެރިންގެ ދަފްތަރު ޝާއިއު ކުރުމުގެ ދަށުންނެވެ.