މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ލޮނު އުފެއްދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ރާއްޖޭގެ ބިޔަ ކަނޑުގެ ފުރިހަމަ މަންފާ ހޯދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ސައީދު ވިދާޅުވީ ރާއްޖޭގައި އޮތް ޓޫރިޒަމް އިންޑަސްޓްރީއަށް ވަރަށް ކޮލިޓީ ލޮނެއް އިމްޕޯޓްކުރާ ކަމަށެވެ. އަދި ރާއްޖޭގައި ދިވެހިން ބޭނުން ކުރުމަށްޓަކައި މި ގެންނަ ލޮނުގެ ބާވަތްތަކާއި ހުރިހާ އެއްޗެއް ރާއްޖޭގައި އުފައްދަން ބޭނުންވާ ކަމަށް ސައީދު ވިދާޅުވިއެވެ.

"ރާއްޖޭގައި އޮތް ޓޫރިޒަމް އިންޑަސްޓްރީ އަށް އިމްޕޯޓް ކުރޭ ހާއްސަކޮށް ވަރަށް ކޮލިޓީ ލޮނު. ރާއްޖޭގައި ދިވެހިން ބޭނުން ކުރުމަށްޓަކައި މި ގެންނަ ލޮނުގެ ބާވަތްތައް، މި ހުރިހާ އެއްޗެއްގެ ޕްރޮޑަކްޝަން އަޅުގަނޑުމެން ބޭނުން ރާއްޖޭގައި އުފައްދަން"
ސައީދު

ސައީދު ވިދާޅުވީ އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި އެކަން ކުރާނެ ކަމަށެވެ. އެހެންނަމަވެސް އެކަން ކުރެވޭނީ ސީދާ ކޮން ދުވަހަކުންނޭ ބުނަން އުދަނގޫ ކަމަށް ސައީދު ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން، (ބީސީސީ) އާ ހަވާލުކޮށްގެން އެ މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.