ރައްޔިތުންގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން 48 ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައި ނުވާކަމަށް އީސީ އިން ބުނެފިއެވެ.

މިދިޔަ އެޕްރީލް މަހު ބޭއްވި އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމުގެ ފުރުސަތު މި މަހު 22 ވަނަ ދުވަހަށް ހަމަވެފައިވާއިރު އީސީ އަށް މާލީ ބަޔާން ހުށަހަޅާފައިވަނީ 320 ކެންޑިޑޭޓުންނެވެ.

މީގެ ކުރިން އީސީ އިން ބުނީ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތުގައި ހުށަނާޅައިފިނަމަ، ގާނޫނުގައި ބުނާ ގޮތަށް އެ މެންބަރުންނަށް ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާނެ ކަމަށެވެ.

މާލީ ބަޔާން ހުށަނާޅާނަމަ ނަމަ ނޫނީ މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ދީފިނަމަ ކެންޑިޑޭޓެއްގެ އަދަބަކީ، އެއް އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 72،000.00 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން، އެ ކެންޑިޑޭޓަކު އިންތިހާބުވިޔަސް، ނުވަތަ އިންތިހާބު ކާމިޔާބުނުކުރެވުނު ނަމަވެސް، އީސީއަށް ހުށަހަޅަންޖެހޭ އިރު މިހާރު މާލީ ބަޔާން ހުށަހެޅުމުގައި ކެންޑިޑޭޓުންނަށް ވަނީ ލުއިތަކެއް ދީފައެވެ.

އެގޮތުން މިހާރު މާލީ ބަޔާން އޮޑިޓްފާމަކުން ޗެކްކުރުން ލާޒިމު ނޫންކަމަށް އީސީ އިން ވަނީ ނިންމާފައެވެ.