ގާޒާގެ ރަފާ ބޯޑަރަށް ދެމުންދާ ހަމަލާތަށް ވަގުތުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލުގެ މައްޗަށް ކުރި އަމުރަށް ތަބާވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ރަފާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އައިސީޖޭއިން ކުރި ހުކުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ.

ރައީސް ވިދާޅުވީ އައިސީޖޭގެ އެ ހުކުމަށް އިޒްރޭލުން ތަބާވެ، އެގައުމުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ރަފާ ބޯޑަރު ހުޅުވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ވެސް ފަހިކޮށްދޭން ޖެހޭ ކަމަށެވެ.

އައިސީޖޭގެ ނިންމުމަކީ ހަމަޖެހުން ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނީ 1967 ގައި ފަލަސްތީނާއި އިޒްރޭލުގެ ބޯޑަރު ބެހުމުގެ ކުރިން އޮތް ގޮތަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރި ރަށް ކަމަށް ހަދައިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރަފާއަށް ހަމަލާ ދިނުން ހުއްޓާލުމަށް އައިސީޖޭއިން އަމުރު ނެރެފައި ވަނީ މިއަދު އެވެ. އެ އަމުރުގައި ވަނީ ރަފާގެ ދިރިއުޅޭ ފަަލަސްތީނުގެ ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް އިޒްރޭލުން ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް އަންގާފައެވެ. އަދި ރަފާ ބޯޑަރު ހުޅުވުމަށް ވެސް އެ އަމުރުގައި ވެއެވެ.