މާލެ އަތޮޅު ފިހާޅޮހި ރިސޯޓުގައި ގެނބިގެން މީހަކު މަރުވެއްޖެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ކާފު އަތޮޅު ރިސޯޓެއްގައި ސްނޯކްލިން އަށް ފޭބި 67 އަހަރުގެ ފަތުރުވެރިޔަކު ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 11:30 އެހާއިރު ކަމަށެވެ. އަދި އޭޑީކޭއަށް ގެންދިޔަ އިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.

'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ފިހަޅޮހި އައިލެންޑް ރިސޯޓުގައެވެ.

އިއްޔެވެސް ވަނީ އދ. ސެންޓަރާ ރިސޯޓްގައި ގެނބުނު ފަތުރުވެރިއަކު ސަލާމަތް ކުރަން އުޅުނު ދިވެއްސަކު ގެނބިގެން މަރުވެފައެވެ. އެއީ އައްޑޫ ހިތަދޫ އަށް ނިސްބަތްވާ އުމުރުން 39 އަހަރުުގެ އަހުމަދު އަފްސަލް ނަމަކަށް ކިޔާ ޒުވާނެކެވެ.

އެ އަތޮޅު ދަނގެތި ހެލްތް ސެންޓަރަށް އެ މީހާ ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރާ ހަވާދާލީ ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އިތުރަށް ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

މި ދުވަސް ވަރު މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވެ، ވިއްސާރަ ކުރަމުންދާއިރު މޫދަށް ނޭރުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑު ދަތުރުފަތުރު ކުރާއިރުވެސް މޫސުމަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.