މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވާ ނަމެއް ދިނުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މިގޮތަށް ހުށަހަޅުއްވާފައި ވަނީ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް އެވެ.

ކައުންސިލްގެ 4 ވަނަ ދައުރުގެ 146 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މާލޭގައި ނަން ނުކިޔާ ދެ މަގެއް ހުރި ކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ، ފަލަސްތީނަކީ ދިވެހިންގެ ހިތާއި ގުޅިފައިވާ ތަނެއް ކަމަށެވެ. އެހެންކަމުން މީގެން ދެ މަގުން ކުރެ އެއް މަގަށް ފަލަސްތީނުގެ ނަމުން ނަން ދިނުމާ ގުޅޭ ގޮތުން ކައުންސިލްގެ އެހެން މެންބަރުންގެ ހިޔާލަށް އާޒިމް ވަނީ އައްސަވާފައެވެ.

"މިއީ ހަމަ އަޅުގަނޑުގެ ހިޔާލެއް، މިކަމާ މަޝްވަރާކޮށްލަން ބޭނުން" އާޒިމް ވިދާޅުވިއެވެ.

އެއާއެކު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެއް މެމްބަރު ފިޔަވައި އެހެން ހުރިހާ މެމްބަރުން ވަނީ މަގަކަށް ފަލަސްތީނުގެ ނަމުން ނަން ދޭން ތާއީދުކުރާ ކަމަށް ވޯޓު ދެއްވާފައެވެ. އަދި މަގަށް ކިޔާނެ ސީދާ ނަމާއި ހުރިހާ ތަފްސީލެއް މެމްބަރުންނާ ހިއްސާ ކުރުމުގެ އިތުރުން މަގު ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އިޒްރޭލުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 35،709 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި މިމުއްދަތުގައި 79،990 މީހަކަށް އެކިވަރުގެ ޒަހަމްތައް ދީފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

މި އަނިޔާވެރި ހަމަލާތައް ހުއްޓާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިތުރުން ރާއްޖެއިން ވެސް ވަނީ ގޮވާލާފައެވެ. ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުންނާއި ޖަމާއަތްތަކުންވެސް ވަނީ ފަލަސްތީން މިނިވަން ކުރުމަށް ގޮވާލާ އަޑު އުފުލާފައެވެ.

މީގެ އިތުރުންވެސް މި ހަނގުރާމައިގައި އެ ފަލަސްތީނުގެ ބިނާތައް ސުންނާފަތިވެ، ކުރިމަތިވެފައިވާ ބޭސްފަރުވާއާއި ކާބޯތަކެތީގެ ދަތިކަމަށް އެހީވެދިނުމުގެ ގޮތުން ރާއްޖޭގެ ވަކިވަކި ފަރުދުންނާއި ދައުލަތުގެ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ދަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އަދި ދާދިފަހުން ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގައި މަސައްކަތްކުރައްވާ ފަލަސްތީންގެ ޕްރޮފެސަރު ޑރ. ހަސަން އަލް ކުރްދީގެ އާއިލާ ގާޒާއިން މިސްރަށް ގެންދަން ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް އެހީވެދީފައެވެ. އަދި އެ އާއިލާ ވަނީ މިސްރުން މިއަދުގެ ވަގުތެއްގައި ރާއްޖެ އަތުވެފައެވެ.