ރައްޔިތުންގެ މަޖިލީހުން އާންމުކުރާ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް އެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މަޖިލީހުގެ މެންބަރުން މަޖިލީހަށް ހުށަހެޅި ބިލްތަކާއި ގަރާރުތައް އަދި ކުއްލި މައްސަލަތަކުގެ މައުލޫމާތާއެކު ބައެއް މެންބަރުން މަޖިލީހުގައި މަސައްކަތް ނުކުރާ ކަމަށް ބުނެ މީސްމީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ޕޯސްޓުތަކެއް ދައުރުކުރަމުންނެވެ.
މިކަމާ ގުޅިގެން މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީގެ މަސައްކަތްތައް މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރަމުން ގެންދަނީ މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.
އެގޮތުން މަޖިލީހުގެ މެންބަރުން މިހާތަނަށް ހުށަހަޅުއްވާފައިވާ ބިލުތަކާއި ގަރާރުތަކާއި މައްސަލަތަކާއި މިނިސްޓަރުންނާ ކުރައްވާފައިވާ ސުވާލުތަކާއި ޝާމިލުވެލައްވާ ކޮމިޓީތަކުގެ މައުލޫމާޓާއި ތަފާސްހިސާބު މަޖިލީހުން އާންމުކުރި ނަމަވެސް އެއީ އެ މެންބަރުން މަޖިލީހުގައި ކުރައްވާ ހަމައެކަނި މަސައްކަތް ނޫން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މަޖިލީހުން ބުނީ އެ އިދާރާގެ މުހިންމު ގިނަ މަސައްކަތްތައް މަޖިލީހުގެ ކޮމިޓީތަކުގައި ކުރިއަށްގެންދާ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީޓަކުގައި ކުރައްވާ މަސައްކަތްތައް ނިމިގެންދާނީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ބައިވެރިވުމާ އެކުގައިކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
މަޖިލީހުގެ މެންބަރުން މަޖިލީހުގައި ކުރައްވާ މަސައްކަތް ދައްކުވައިދެނީ ހަމައެކަނި މެންބަރުން މަޖިލީހަށް ސްޕޮންސާކުރައްވާ ބިލުގެ އަދަދުން ނޫން ކަމަށާއި އެކި މަރުހަލާތަކުގައި މަޖިލީހުގެ މެންބަރުންގެ ބައިވެރިވުމާއި މަޝްވަރާ އޮންނަ ކަމަށް ވެސް މަޖިލީހުން ވަނީ ބުނެފައެވެ.
މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން އާންމުކުރަމުން ގެންދާ މައުލޫމާތުތައް ނަހަމަގޮތުގައި ބޭނުންކޮށް، އާންމުންނަށް އޮޅުން އަރާ ގޮތަށް މައުލޫމާތުތައް ބޭނުން ނުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މަޖިލީހުގެ މައުލޫމާތު ހިއްސާކުރާއިރު ޒިންމާދާރުކަމާއެކީ މައުލޫމާތު ހިއްސާކުރުމަށާއި މައުލޫމާތު އާންމުކުރުމުގެ ކުރިން އެ މައުލޫމާތަކީ ތެދު މައުލޫމާތުކަން ކަށަވަރު ކުރުމަށް ވެސް މަޖިލީހުގެ އިދާރާއިން އެދިފައިވެއެވެ.