ފަލަސްތީނަށް ދައުލަތެއްގެ ހައިސިއްޔަތު ދޭން އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުން ދެކޮޅު ހަދަމުން ދަނިކޮށް، ރަސްމީ ހައްސިއްޔަތު ދީ ދައުލަތެއް ކަމަށް ބަލައިގަންނަން ނޯވޭ އާއި އަޔަލޭންޑް އަދި ސްޕެއިން ނިންމައިފިއެވެ.
އެ 3 ގައުމުގެ އިސް ވެރިން އެކުގައި ބޭއްވި ނިއުސްކޮންފަރެންސެއްގައި ވިދާޅުވީ، ފަލަސްތީނަކީ މިިނިވަން ދައުލަތެއް ކަމަށް ބަލައިގަނެ އެކަން މި މެއި މަހުގެ 28 ވަނަ ދުވަހު އިއުލާން ކުރައްވާނެ ކަމަށެވެ.
އެ ގައުމުތަކުން ބުނީ، އެގޮތަށް ނިންމީ މެދުއިރުމަތީގެ މައްސަލަ [ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ] އަށް އޮތް ދާއިމީ ހައްލަކީ އެއީ ކަމުގައި ދެކޭތީ އާއި އެއީ އިޒްރޭލަށް ވެސް ރަނގަޅު ގޮތް ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.
ނަމަވެސް އިޒްރޭލުން ބޮޑާހާކާ އެ 3 ގައުމުގައި ތިބި އިޒްރޭލުގެ ސަފީރުން ވަނީ އަނގުރާ އިޒްރޭލަށް ގެންގޮސްފައެވެ.
މި މައްސަލައިގައި އެމެރިކާއިން ވެސް ވާހަކަ ދައްކާފައި ވާ އިރު ބުނެފައި ވަނީ ފަލަސްތީނަށް ދައުލަތެއްގެ ހައިސިއްޔަތު ދޭން ޖެހޭނީ ވާހަކަ ދައްކައިގެން ކަމަށެވެ. ނަމަވެސް މިއޮއްހާ ދުވަހު އެމެރިކާއިން ކިޔަމުން ދިޔައީ ގާޒާ ހަނގުރާމައަށް އޮތް ހައްލަކީ ދެދައުލަތް އޮތުން ކަމަށާއި އެކަމަށް އެމެރިކާއިން ވެސް ތާއީދު ކުރާ ކަމަށެވެ. އެމެރިކާއިން އެ މަގަމަށް ވާހަކަތައް ކުރިއަށް ގެންދާތާ ގިނަ ދުވަސްތަކެއް ވެފައި ވާ އިރު އެހެން ބުނުން ފިޔަވައި އަމަލީ ގޮތުން އެމަގަށް ކުރާ ކަމެއް ނެތެވެ. އޭގެ ބަދަލުގައި އެމެރިކާއިން ކުރާ ކަމަކީ އިޒްރޭލަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދީގެން ގާޒާގެ އެތަން މިތަނަށް ބޮމާއި މިސައިލް ހަމަލާދީ އެތައް ފުރާނައެއް ދުއްވާލުމެވެ.
"ފަލަސްތީނަކީ ދައުލަތެއް ކަމަށް ބަލައިނުގަނެ މެދުއިރުމައްޗަށް އަންނާނެ ސުލްހައެއް ނެތް، އަދި އެއީ އިޒްރޭލަށް ވެސް އެންމެ މޮޅު ގޮތް" ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގާރް ސްޓޯރެ ވިދާޅުވިއެވެ.
އަޔަލޭންޑްގެ ބޮޑުވަޒީރާއި ސްޕެިއންގެ ބޮޑުވަޒީރުވެސް ވިދާޅުވެފައި ވަނީ އެތައްހާސް ބަޔަކު ގާޒާއިން މަރުވަމުން ދާ އިރު ހަމައެކަނި އުއްމީދެއް ]ގޮތެއް] އޮތީ 2 ދައުލަތް ވަކިން އޮތުމުން ކަމަށާއި އެއްބަޔަކު އަނެއްބަޔަކާ އެކު އެކުގައި އުޅެގެން ކަމަށެވެ. އެހެން ކަމުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުން މުހިންމުވާ ކަމަށެވެ.
"އަހަންނަށް ޔަގީން އަހަރެމެންގެ މިނިންމުމާއެކު އިތުރު ގައުމުތަކުން އަހަރެމެނާ ބައިވެރިވާނެ ކަން" އަޔަލޭންޑްގެ ބޮޑުވަޒީރު ސިމޮން ހެރިސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިޒްރޭލު ދެމިއޮންނަށް ޖެހޭ ކަމާމެދު ކުޑަކޮށްވެސް ދެބަސް ނުވާ ކަމަށާއި އަދި ސުލްހަވެރިކަމާއެކު އަވައްޓެރިންނާއެކު އެ ސަރަހައްދުގައި އޮވެވެން ޖެހޭނެ ކަމަށެވެ. ނަމަވެސް ހަމާސް އަކީ ފަލަސްތީނުގެ ރައްޔިތުން ނޫން ކަމަށާއި ދެ ދައުލަތް ވަކިން ގާއިމު ކުރެވުމަކީ މުޅި މަޝްރަހަށް ސުލްހަ ގެނެވޭނެ ހަމައެކަނި ގޮތް ކަމަށެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން 39 ހާހަށް ވުރެ ގިނަ މީހުން ޝަހީދުވެ 79 ހާހަށް ވުރެ ގިނަ މީހުން މިހާރުވެސް ވަނީ ޒަހަމްވެފައެވެ. އަދި މިއަދުވެސް، މާދަމާވެސް އިޒްރޭލުގެ އުދުވާން ހުއްޓެން ނެތް އިރު އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ ފަލަސްތީނުގެ އެތައް ބައެއްގެ ފުރާނަ ނެތް މަސްގަނޑު ގާޒާގެ އެތަން މިތާނަށް ވެއްޓިފައި އޮންނަތަން ފެންނަ ދުވަހެކެވެ.