ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަސަން ޒަރީރު މިއަދު އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް ޒަރީރު އައްޔަން ކުރައްވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަގާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ އެންމެ ފަހުން އަދާކުރެއްވީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު އޮފް ފައިނޭންސް އެންޑް ގްރޫޕް ޗީފް ކޮމްޕަލަޔަންސް އޮފިސަރުގެ މަަގާމެވެ.
އޭގެ އިތުރުން މިދިޔަ މާޗް 7 ވަނަ ދުވަހުން މިއަދުގެ ނިޔަލަށް ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމު އަދާކުރެއްވި ޒަރީރު ވަނީ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުވެސް އަދާކުރައްވާފައެވެ.
ޒަރީރު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައިއައިޔޫއެމް) ގައި ބެޗެލާ އޮފް އެކައުންޓިން އަދި މާސްޓާ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ ފެލޯ ޗާޓާޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ، ސީޖީއެމްއޭ) އާއި އޮސްޓްރޭލިއާގެ ސަރޓިފައިޑް ޕްރެކްޓިސިން އެކައުންޓަންޓްގެ ކޮލިފިކޭޝަން ޒަރީރު ވަނީ ހާސިލްކުރައްވާފައެވެ.
މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ޒަރީރު ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިއަދެވެ.