މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތު ކުރެވޭ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ތ. ގުރައިދޫ، ވިނަރެސް އަހްމަދު ޝާތިން އެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފުލުހުން ވަނީ އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައެވެ.
އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގައި ގއ. ދާންދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ. އަދި އޭނާ ހާޒިރު ކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.
މަކަރާއި ހީލަތުން އެތައް ބައެއްގެ ރުފިޔާ ފޭރުމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅަމުންދާއިރު މިކަމަށް އާންމުން ހޭލުންތެރި ކުރުމަށް ފުލުހުން ދަނީ އެކި އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން އެފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށް ޔަގީން ކުރުން ކަމަށް ފުލުހުން ބުނެއެވެ.