މިއަހަރު މުދަލު ޒަކާތުގެ ނިސާބަށް ޖެހޭ މިންވަރު މޯލްޑިވްސް ޒަކާތު ހައުސް އިން ކަނޑައަޅައިފިއެވެ.

މިއަދު ކުރި އިއުލާނެއްގައި ޒަކާތު ހައުސް އިން ބުނެފައި ވަނީ، މޭ 22 ވަނަ ދުވަހުން ފެށިގެން މުދަލުޒަކާތް ވާޖިބުވާ ނިސާބަކީ 9353.40 ރ. ކަމަށެވެ.

ކޮންމެ އަހަރަކުވެސް އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތް ވާޖިބުވާ ނިސާބެއް ކަނޑައަޅައެވެ. އެގޮތުން މިދިޔަ އަހަރު ނިސާބުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައި އޮތީ 7،241.15 ރ. ކަމަށެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޖަމާކޮށްފައިވަނީ 26.8 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ފަގީރުންގެ ލިސްޓުގައި ހިމެނޭ 7،657 މީހުންނަށް އެ ފައިސާ ބަހާފައިވާއިރު އެއީ ކޮންމެ ބޮލަކަށް 3،500 ރުފިޔާއެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ ޒަކާތުގެ މައިގަނޑު މަގްސަދު ތަކުގެ ތެރޭގައި އިޖްތިމާއީ ހަމަހަމަކަން ގާއިމުކުރުމާއި ފަގީރުކަން ނައްތާލުން ހިމެނޭ ކަމަށެވެ.

ޒަކާތާއި ގުޅޭ ގޮތުން އޭޕްރީލް 26 ވީ ހުކުރު ދުވަހުގެ ހުކުރު ހުތުބާގައިވެސް ބުނެފައިވަނީ މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަކަމަށެވެ. އަދި ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާންމަހު ފިތުރުޒަކާތް ދެއްކުމުން ފުދުނީކަމަށާއި، އަނެއް ބަޔަކު ދެކޭގޮތުގައި ތިމާއަކީ ބޮޑު ވިޔަފާރިވެރިއަކަށް ނުވެއްޖެނަމަ ޒަކާތް ދައްކާކަށް ނުޖެހޭކަމަށެވެ. ނަމަވެސް މުދާ ފުރިހަމައަށް މިލްކުވުމާއި، މުދަލުގައި ނިސާބު ހަމަވުމާއެކު ނިސާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރިފައިވާ ކޮންމެ މީހަކުވެ ޒަކާތް ދައްކަން ޖެހޭނެކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މުދަލު ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ކިފާޔަތުގެ ފަރުޟެކެވެ.