ކޮންސްޓްރަކްޝަން ސައިޓުތަކުގައި ސޭފްޓީ ނެޓު އަދި ޓިނު ރަނގަޅަށް ޖެހުމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީ އިން ބުނީ މި ދުވަސްވަރަކީ މޫސުން ގޯސް، ވިއްސާރަ އަދި ވައިގަދަ ދުވަސްވަރަކަށް ވުމުން ދިމާވެދާނެ ނުރައްކާތެރި ހަދިސާތަކުން ރައްކާތެރިވުމަށް ބެލްކަނިތަކާއި ޓެރެސް ފަދަ ތަންތަނުގައި ބަހައްޓާފައިވާ ތަކެތި ރަނގަޅަށް ހަރުކުރުމަށް ސަމާލުކަން ދިނުމަށެވެ. އަދި ބޭރަށް ހުޅުވޭގޮތަށް ހުރި ފެންލައިޓާއި ދޮރުފަދަ ތަންތަނުން ގޭތެރެއަށް ފެން ނުވަންނާނެ ގޮތަށް ބަންދުކުރުމަށް ވެސް އެޗްޑީސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް އިންވެސް ވަނީ މި ދުވަސްވަރަކީ ވައިގަދަ އަދި ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު ބްރިޖުން ދަތުރުކުރާއިރު ސަމާލުވުމަށް އެދިފައެވެ. އެގޮތުން ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހެލްމެޓުވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށްވެސް ޕޮލިހުން ވަނީ އިރުޝާދު ދީފައެވެ.

ވައި ގަދަވެ ވިއްސާރުވުމާ ގުޅިގެން އިއްޔެ ވަނީ ވެލާނާގެ ކުރިމަތީގައި ހުރި ގަހެއްގެ ބައެއް ވެއްޓި 2 ސައިކަލަކަށް ގެއްލުންވެފައެވެ. އަދި ހިޔާ ވަގުތީ މާކެޓުގެ ފުރާޅުން ޓިނު ގަނޑެއްވެސް ގަދަ ވަޔާއެކު އިއްޔެ ވަނީ އެއްލާލާފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓްއިން ވަނީ މާލޭ ސަރަހައްދަށް މިއަދު އޮރެންޖް އިންޒާރު ނެރެފައެވެ. ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ނެރުނު އެ ސަމާލު ވަނީ މިއަދު 16:00 ގެ ނިޔަލަށް 3 ވަނަ ފަހަރަށް ދަމަހައްޓާފައެވެ.