ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ ނައިބުގެ މަގާމަށް މުހައްމަދު ރަޝީދު އައްޔަންކޮށްފިއެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ މަޖިލީހުގެ އަމީން އާންމުގެ ނައިބުގެ މަގާމަށް މުހައްމަދު ރަޝީދު އައްޔަންކުރައްވާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. މަޖިލީހުގައި މަސައްކަތްކުރެއްވުމުގެ އިތުރުން، މުހައްމަދު ރަޝީދު ގެންދަވަނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުވެސް ފުރުއްވަމުންނެވެ.
އަމީން އާންމުގެ ނައިބުގެ މަގާމަށް ރަޝީދު އައްޔަނު ކުރުމުގެ ހަފްތާއެއް ކުރިން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ވަނީ ބަދަލުކޮށްފައެވެ. އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދު ބަދަލުކުރީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު އަސްލަމްގެ އެދިވަޑައިގަތުމަށް ކަމަށް މަޖިލީހުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ފާސްކުރި އާންމު ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 21 ވަނަ މާއްދާއަށް ގެނައި އިސްލާހުގައިވާ ގޮތުން، ހިންގުމުގެ ދާއިރާއިންނާއި ގާނޫނީ ދާއިރާއިން މަޖިލީހުގެ އަމީން އާންމަށް އެހީތެރިވެދިނުމަށްޓަކައި އަމީން އާންމުގެ ނައިބުންގެ ގޮތުގައި ދެ މަގާމު އުފެއްދިދާނެއެވެ.
ގަވާއިދަށް ގެނައި އިސްލާހުން އަމީން އާންމުގެ ނައިބުގެ މަސްއޫލިއްޔަތުތައްވެސް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން އެއް ބޭފުޅަކު މަޖިލީހުގެ އާންމު ހިންގުމާއި މާލީ ޒިންމާއާ ގުޅޭ ގޮތުން ކަންކަން ކުރުމުގައި އެހީތެރިވާއިރު އަނެއް ބޭފުޅާގެ ޒިންމާތަކުގެ ތެރޭގައި ހިމެނެނީ ޖަލްސާތަކާއި ކޮމިޓީތަކުގެ މަސައްކަތްތަކުގައި އަމީން އާންމަށް އެހީތެރިވެދިނުމެވެ.
އަމީން އާންމުގެ ނައިބުގެ މަގާމަށް މުހައްމަދު ރަޝީދު އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.
މާދެއަތް ފުޅާވެފަ އެހުންނެވީ އައްޑޫ އަސްލަމްތޯ އަސްލަމް ދެންވެސް ތިފޮނިވުން ހުއްޓާލާފަ ހަމަބިމައްތިރިވެބަލަ މީކަލެއައް ހެޔޮއެދޭތީ ދައްކާވާހަކަ