ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ދާދިފަހުން ވަކިކުރި ސީއީއޯ އަހްމަދު ޝަމާހަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ 'ދަ ޕްރެސް' އަށް މިކަން ކަށަވަރުކޮށްދެއްވައިފައެވެ. ހީނާ ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ޝަމާހު އައްޔަންކުރީ މިއަދު ކަމަށެވެ.

މިފްކޯގެ ސީއީއޯގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެންބަރުކަމުން ޝަމާހު ވަކިކުރީ އިއްޔެއެވެ. މިފްކޯ އިން ޝަމާހު ވަކިކުރިކަން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕީސީބީން ހާމަކުރީ އެ ބޯޑުގެ ރަސްމީ 'އެކްސް' އެކައުންޓްގައެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ހާމައެއް ނުކުރެއެވެ.

ފާހަގަކުރެވޭ ގޮތުގައި ޕީސީބީން ވަނީ ޝަމާހާ ގުޅޭ މައްސަލަތަކެއް ބަލަމުންދިޔުމާ ގުޅިގެން އޭނާ ސަސްޕެންޑު ކޮށްފައެވެ.

ކޯޕަރެޓް ގަވަނަންސާ ގުޅޭ މައްސަލަަތަކަކާ ގުޅިގެން އެފަހަރު ދެ ހަފްތާއަށް ޝަމާހު ސަސްޕެންޑު ކުރި ނަމަވެސް ފަހުން އެ ސަސްޕެންޝަން ވަނީ އިތުރު މަހަކަށްވުރެ ގިނަ ދުވަހަށް ދަންމާލާފައެވެ. އެއާއެކު މިފްކޯގެ ހިންގުމުގެ ކަންކަން ހަމަޖެއްސުމަށް އުފެއްދި ވަގުތީ ކޮމިޓީ ވެސް ވަނީ އުވާލާފައެވެ.

އޭގެ ފަހުން އޭނާ ވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެނބުރި މަސައްކަތަށް ނުކުމެވަޑައިގެންފައެވެ.

ޝަމާހާ ބެހޭ ގޮތުން ޕީސީބީއަށް ހުށަހެޅި ޝަކުވާގެ ލިސްޓު ދިގެވެ. އެގޮތުން ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި އޭނާގެ އާއިލީ ގުޅުން އޮންނަ ފަރާތްތަކާއި ރައްޓެހިންނަށް ކުންފުނީގެ ވަޒީފާ ދިނުން ފަދަ ބޮޑެތި ތުހުމަތުތައް ހިމެނެއެވެ.

އެގޮތުން ޖުމްލަ 12 ކަމެއް ފާހަގަކޮށް ޝަމާހަށް ޕީސީބީން ފޮނުވި ސިޓީއެއްގައި ބުނީ, މިފްކޯ އާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކަންކަން ކޮށްފައި ވާކަން ފާހަގަވެފައިވާ ކަމަށެވެ.