މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވުމުން ތަންތަނަށް ދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވެ ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި މިއީ ބޭ އޮފް ބެންގޯލް ސަރަޙައްދުގައި އުފެދެމުންދާ ކޮޅުގަނޑުގެ އަސަރުކަމަށްވެސް އެ އިދާރައިން ހާމަކޮށްފައި ވެއެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ މިހާ މޫސުން ގޯސް ދުވަސްވަރެއް ކަމުން ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށެވެ. އަދި ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. މީގެ އިތުރުންވެސް ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ ކުރިން ފުލުހުން ވަނީ ވައިގަދަކަމުން ސައިކަލު ދުއްވާއިރު ކުޑަ ހިފައިގެން ނުދުއްވުމަށް ވެސް އިލްތިމާސްކޮށްފައެވެ. އޭގެ އިތުރުން، ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާއި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓްއިން ވަނީ މާލޭ ސަރަހައްދަށް މިއަދު އޮރެންޖް އިންޒާރު ނެރެފައެވެ. ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ނެރުނު އެ ސަމާލު ވަނީ މިއަދު 16:00 ގެ ނިޔަލަށް 3 ވަނަ ފަހަރަށް ދަމަހައްޓާފައެވެ.
މީގެ އިތުރުންވެސް ވައިގަދަވެ މޫސުން ގޯސްވާނެތީ އުތުރާ މެދުރާއްޖެތެރޭގެ އަތޮޅުތައް ހިމެނޭހެން ޔެލޯ އެލާޓެއްވެސް ވަނީ ނެރެފައެވެ. މި ސަރަހައްދުތަކަށް ގަދަވަޔާ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައިވެއެވެ.