މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯ ޝަމާހު ރަޝީދު މަގާމުން ވަކިކޮށްފިއެވެ.

އެކަން އިއުލާންކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ މިފްކޯގެ ސީއީއޯ މަގާމުގައި ހުންނެވި ޝަމާހު އެ މަގާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.

ވަކިކުރީ ކޮން ސަބަބަކާ ކަމެއް އެ ބޯޑުން ހާމަކޮށްފައި ނުވާއިރު މިދިޔަ މާޗް މަހުވެސް ވަނީ ޝަމާހު އާއި ގުޅޭ މައްސަލައެއް އެ ބޯޑުން ބަލަމުންދިޔުމާ ގުޅިގެން ސަސްޕެންޑު ކޮށްފައެވެ.

ކޯޕަރެޓް ގަވަނަންސް އާ ގުޅޭ މައްސަލަަތަކަކާ ގުޅިގެން އެފަހަރު ދެ ހަފްތާއަށް ޝަމާހު ސަސްޕެންޑު ކުރި ނަމަވެސް ފަހުން އެ ސަސްޕެންޝަން ވަނީ އިތުރު މަހަކަށްވުރެ ގިނަ ދުވަހަށް ދަންމާލާފައެވެ. އެއާއެކު މިފްކޯގެ ހިންގުމުގެ ކަންކަން ހަމަޖެއްސުމަށް އުފެއްދި ވަގުތީ ކޮމިޓީ ވެސް ވަނީ އުވާލާފައެވެ.

އެއަށްފަހު އޭނާ ވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެނބުރި މަސައްކަތަށް ނުކުމެވަޑައިގެންފައެވެ.

ޝަމާހާ ބެހޭ ގޮތުން ޕީސީބީއަށް ހުށަހެޅި ޝަކުވާގެ ލިސްޓު ދިގެވެ. އެގޮތުން ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި އޭނާގެ އާއިލީ ގުޅުން އޮންނަ ފަރާތްތަކާއި ރައްޓެހިންނަށް ކުންފުނީގެ ވަޒީފާ ދިނުން ފަދަ ބޮޑެތި ތުހުމަތުތައް ހިމެނެއެވެ.

އެގޮތުން ޖުމްލަ 12 ކަމެއް ފާހަގަކޮށް ޝަމާހަށް ޕީސީބީން ފޮނުވި ސިޓީއެއްގައި ބުނީ, މިފްކޯ އާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކަންކަން ކޮށްފައި ވާކަން ފާހަގަވެފައިވާ ކަމަށެވެ.