ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް ގަދަވެ އުދައަރާފާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.

މެޓް އޮފީހުން ވަނީ އުތުރާއި މެދުރާއްޖެތޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް މިއަދު 14:30 ހާއި ހަމައަށް ރީދޫ އެލާޓް ނެރެފައެވެ. އަދި މި ސަރަހައްދު ތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ވަނި ލަފާކޮށްފައެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި ވައިގަދަވެ ބައެއް ގެއްލުންތައް ލިބެމުން އަންނައިރު، ކުރިއަށް އޮތް 24 ގަޑިއިރުދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި، ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގެ ރާޅުތަކުގެ އުސްމިނުގައި 6 ފޫޓާއި 9 ފޫޓާއި ދެމެދުގެ އުސްމިނެއް ހުންނާނެކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.