މިދިޔަ ހޯމަ ދުވަހު މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފުރުވާލައިފިއެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަހުގެ ކުރިމަތީގައި ހުންނަ ބަނޑޭރިކޮށީގެ އެޕާޓްމަންޓުތަކުގެ ތެރެއިން ތަނެއް ބަލައި ފާސްކުރުމުން، އުމުރުން 30 އަހަރުގެ ދިވެއްސަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.

މަރުވެފައި އޮއްވާ އޭނާ ފެނުނު ދުވަހު ފުލުހުން ވަނީ، އެ މައްސަލަ އިތުރަށް ތަހްގީގު ކުރުމަށްޓަކައި މަރުވި މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމިކަން ހާމަކޮށްފައެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ، ބަނޑޭރިކޮށީގައި މަރުވެފައިވާ ޒުވާނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އިންޑިއާއަށް ގެންގޮސްފައިވާ ކަަމަށެވެ. އަދި މަރުވެފައި ވަނީ އުމުރުން 3ޮ އަހަރުގެ ގދ. ހޯނޑެއްދޫ، ވިލިނގިލީގެ، ހައްމާދު ސައީދު ކަމަށް ފުލުހުން ބުނެއެވެ.

ހައްމާދަކީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ މީހެކެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގެ ފަހު ދުވަސްކޮޅު އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހައްމާދަށް މައާފު ދެއްވައި ދޫކޮށްލާފައެވެ.

ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގެ ތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ އިރު، މިއަދު މާލޭގެ ފަޅަށް ހުރި ގެއެއް ކަމަށްވާ މ. ރަބީއުވިލާގެ ތިރީ ފަންގީފިލާގައި މަރުވެފައި އޮތް މިޙަކު ވަނީ ފެނިފައެވެ. އޭނާގެ ވަނަވަރު މިހާރު ދެނެގަނެވިފައިވާ އިރު، އެއީ މާލެއިން ގެއްލިގެން ހޯދަމުން ދާ އުމުރުން 30 އަހަރުގެ ޒުވާނެއް ކަމަށް ވާ އަހްމަދު އައިމަން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.