މ. ރަބީއުވިލާގައި މަރުވެފައި އޮއްވާ ފެނުނު ފިރިހެން މީހާގެ ވަނަވަރު ދެނެގަނެވިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފަޅަށް ހުރި އެ ގޭގެ ތިރީ ފަންގިފިލާގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު 2:20 ހާއިރެވެ. މިއަދުގެ އިރު އޮއްސުމާ ހަމައަށް އައި އިރު، މަރުވެފައި އޮތް މީހާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާ އިރު އެމީހާގެ ހަށިގަނޑުން އެއްވެސް ޒަހަމެއް ނުވަތަ އަނިޔާއެއް ލިބިފައިވާ ކަން ނުވަތަ ނޫން ކަން ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
ދާދި ދެންމެ އަކު ފުލުހުން ހާމަ ކުރި އެންމެ ފަހުގެ މައުލޫމާތުގައި ބުނެފައި ވަނީ، އެމީހާގެ ވަނަވަރު ދެނެގަނެވިފައިވާ ކަމަށެވެ. އެއީ މާލެއިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 30 އަހަރުގެ އަހްމަދު އައިމަން ކަން ޔަގީން ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މއ. ބޯޅަކިންކިރިމާގެ، އަހްމަދު އައިމަން ވީނުވީއެއް ނޭނގިގެން އެ އާއިލާއިން ރިޕޯޓްކޮށްފައިވާ އިރު، ބުނެފައި ވަނީ އެންމެ ފަހުން އައިމަން ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި މިއަދު ރަބީއުވިލާއިން މަރުވެފައިވާ މީހަކު ފެނިފައިވާ އިރު، އާންމުންގެ ގިނަ ބަޔަކު އައީ އެއީ ގެއްލިގެން ހޯދަމުންދާ ޒުވާނާ ކަމަށް ވެސް ބުނެފައެވެ.
މިއަދު މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިފައިވާ އިރު، މި ވޭތުވެދިޔަ ހަފްތާ ތެރޭ މަރުވެފައި އޮއްވާ ފެނުނު ދެމީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު 30 އަހަރުގެ ދިވެއްސަކު ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިފައިވާ އިރު، އޭގެ ދެ ދުވަސް ފަހުން، ހުޅުމާލޭގައި ޕާކްކޮށްފައިވާ އުޅަނދެއްގެ ތެރޭގައި ބިދޭސިއަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.
މީގެ ތެރެއިން ދިވެހި ފިރިހެން މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ. އަދި ބިދޭސީ ފިރިހެން މީހާގެ މަރުގައި ޝައްކުކުރެވޭ ކަމެއް ނެތް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.