ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކު ރުޅި އައިސް، ފަސިންޖަރަކު ކާރުން ބޭލުވި މައްސަލައިގައި ޝާމިލްވާ ޓެކްސީ ޑްރައިވަރު ޖޫރިމަނާކޮށްފައިވާކަން ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު އައިޝަތު ފަސާނާ ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ލިޔުނު ގޮތުގައި، ހުޅުމާލޭގައި އޮތް ދަރިފުޅުގެ ފެތުމުގެ މުބާރާތެއް ނިންމާލުމަށް ފަހު، އެނބުރި މާލެ ދިއުމަށް ޓެކްސީ އެއް ނެގިކަމަށާއި، ޓެކްސީ އަށް އެރުވުމަށް ފަހު ޑްރައިވަރު ބޭކާރު އެތައް ވާހަކައެއް ދެއްކި ކަމަށެވެ.

"އަދި ދަމުން ދަމުން ގޮސް އަހުލާގީ މިންގަނޑަށް ނުފެތޭ ވާހަކަތައް ވެސް ދެއްކި. އެއަށް ފަހު ޓެކްސީ އަށް އިތުރު މީހަކު އެރުވިޔަސް ހެޔޮތޯ އެހި. ޖަވާބުގައި އަހަރެން ބުނީ އެރުވިޔަސް މައްސަލައެއް ނެތޭ. އެކަމަކު އެމީހާ އަތުން އަގު ނަގަންވާނީ އަހަރެން ފައިބާ ހިސާބުން އެމީހާ އެކަނި ކުރާ ދަތުރަށް އެކަންޏޭ. އެގޮތަށް އެއްބަސްވެ އެރުވިޔަސް އެންމެ ރަނގަޅު ކަމަށް ބުނީ،" އޭނާ ލިޔެފައިވެއެވެ.

އެހެން ނަމަވެސް ޓެކްސީ ޑްރައިވަރު އެކަމަށް ދެކޮޅުހަދައި، އެއީ އޭނާ އާއި ދަތުރުނަގާ މީހާ އާ ދެމެދު އޮންނަ ކަމެއް ނޫންހޭ ބުނެ، ކާރުގައި މުޅި ހުޅުމާލެ ވަށާ ބުރުޖެހި އިރު ވެސް އެއަށް އަރާނެ އިތުރު ބަޔަކު ނުވުމުން 'ތިމަންނަ ކިތަންމެ ނުބައޭ ބުންޏަސް އަދި ބޮޑު ވަރަކަށް މަރާލިޔަސް ތި މީހުން ނެގިތަނަށް ތިމީހުން ބޭލުން ނޫން ގޮތެއްނެތްކަމަށް ބުނެ' އެ ޓެކްސީއަށް އެރިތަނަށް އޭނާ އާއި ދަރިފުޅު ބޭލީ ކަމަށް، ފަސާނާގެ ޕޯސްޓުގައިވެއެވެ.

'އެކްސް'ގައި އާންމުންގެ މީހަކު މި ޕޯސްޓު ހިއްސާކޮށް ސުވާލުކުރުމުން، ފުލުހުންގެ ތަރުޖަމާނު، ސުޕްރިންޓެންޑެންޓް އަހްމަދު ޝިފާނު ވިދާޅުވީ، ހުޅުމާލެ ފުލުހުންގެ އިދާރާއިން އެ މައްސަލަ ބަލައި، ގާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

'ދަ ޕްރެސް' އިން މިއަދު ސުވާލުކުރުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަވާދު ވިދާޅުވީ، އެ މައްސަލަ ބަލައި، އަޅަން ޖެހޭ ފިޔަވަޅު އަޅާފައިވާ ކަމަށާއި، އެގޮތުން އެ ޓެކްސީ ޑްރައިވަރު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އަވާދު ވިދާޅުވީ، ޓެކްސީގެ އަގުތަކަށް ގެނައި ބަދަލާއެކު:

  • 14 ވަނަ ދުވަހުން ފެށިގެން އަށް ޝަކުވާ ހުށަހެޅުނު ކަމަށް
  • އާންމުކޮށް ޝަކުވާތައް އައީ ގާނޫނުގައި ކަނޑައަޅާފައިވާ ވަރަށް ވުރެ ބޮޑު އަގުގައި ދަތުރުކޮށްގެން ކަމަށް

އޭނާ ވިދާޅުވީ، މިނިސްޓްރީން ޑްރައިވަރުންނަށް ފިޔަވަޅު އަޅަނީ މިނިސްޓްރީ އަށް އާންމުންގެ މީހަކު ޝަކުވާ ހުށަހެޅުމުން މިނިސްޓްރީން މައްސަލަ ހުށަހެޅި ފަރާތަށް ގުޅައި، އޭގެ ފަހުން ޓެކްސީ ޑްރައިވަރު ހާޒިރުކޮށް، ކަން ހިނގިގޮތް އޮޅުންފިލުވުމަށް ފަހު ކަމަށެވެ.

ޓެކްސީކުރާ އަގުތައް ކަނޑައެޅުމަށް މިނިސްޓްރީން މަސައްކަތްކުރާތާ ވަރަށް ދުވަސް ވެއްޖެކަން ފާހަގަކުރައްވައި އަވާދު ވިދާޅުވީ، ޓެކްސީ ސެންޓަރުތަކާއި އެޕްތައް ހިންގާ ފަރާތްތަކާއި ޑްރައިވަރުންނާ މިނިސްޓްރީން ބައްދަލުކުރުމަށް ފަހު:

  • މިނިސްޓްރީން ޓެކްސީ ކޮމިޓީ އެއް އުފައްދާފައިވާނެ ކަމަށް
  • އެ ކޮމިޓީގެ މެންބަރުންނާއި ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް އަގުތައް ކަނޑައަޅާފައިވާ ކަމަށް
  • އަގުތައް ކަނޑައަޅާފައިވަނީ 7 ސީޓުގެ ޓެކްސީތަކަށް އެކަނި ކަމަށް

"އެކަމުގަ (އާންމުންގެ ފަރާތުން) ވަރަށް ބައިވަރު ޝަކުވާތައް އަންނަމުން ދިޔަ، ހަމަ އެ އަގުތައް ބޮޑުވެގެންނާ އެ އަގުތަކަށް ވުރެ ވެސް ބޮޑުކޮށް 7 ސީޓާސް ތަކުން އަގު ނަގަމުން ދާތީ،" 7 ސީޓުގެ ޓެކްސީތަކަށް އަގު ކަނޑައަޅަން ޖެހުނު ސަބަބު ހާމަކުރައްވައި އޭނާ ވިދާޅުވިއެވެ.

ހަމަ އެއާއެކު ޓެކްސީ މީޓަރު ތައާރަފްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް އަވާދު ވިދާޅުވިއެވެ. އެކަމަކު އެ މަސައްކަތުގެ މާ ބޮޑު ތަފްސީލެއް ނުދެއްވިއެވެ.