މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ހިތަދޫ ފުއްޓަރު ފަރާތުގައި ހުރި ދެ ގެއެއްގެ އިންފާރު ވެއްޓިއްޖެއެވެ.
މިއަދު މެންދުރު ހިނގައިދިޔަ މި ހާދިސާގައި ވެއްޓުނީ އީވްނިން ޕާކު އަދި އޯކަމް ވިލެޖު ނަމަކަށް ކިޔާ ދެ ގެއެއްގެ އިންފާރެވެ. އެ ދެ ގޭގެ އިތުރުން، ހިތަދޫ ފުއްޓަރު ފަރާތުގައިވާ އެހެން ގެތަކަށްވެސް އުދައިގެ އަސަރު ކުރަމުން އަންނައިރު އައްޑޫ ސިޓީ ކައުންސިލުން ބުނީ އުދަ އަރާ ދުވަސްވަރު އާންމުކޮށް އެ ސަރަހައްދުގެ ގޭގެއަށް އަސަރުކުރާ ކަމަށާއި ގެތަކަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ ރާޅު އަރާ މައްސަލައިގައި ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް އެމްޓީސީސީއާ ވާހަކަދައްކައިގެން ކުރަމުން އަންނަކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫ އުތުރު ސަރަހައްދު ގިރަމުންދާ މައްސަލައަކީ ޒަމާނުއްސުރެވެސް އެ އަވަށަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށްވާއިރު ކުރީ ސަރުކާރުން ވަނީ ހިތަދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށާފައެވެ. އެހެންނަމަވެސް މިހާރު މި މަސައްކަތް ހުއްޓިފައިވާއިރު ހިތަދޫ އިން ވާހަކަދެއްކި ފަރާތަކުން ބުނީ އެމްޓީސީސީ އިން މަސައްކަތް ނިމިފައިވާ ސަރަހައްދުން އެއްވެސް ގެއަކަށް ގެއްލުންވެފައި ނުވާކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ގެތަކަށް ގެއްލުންވަމުން އަންނައިރު ރޭ އެ ސިޓީގެ ދެ ގެެއެއްގެ ފުރާޅުވަނީ އެއްލާލާފައެވެ. އަދި މި ހަދިސާތަކާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކައުންސިލުން އަންނަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތްކުރަމުންނެވެ.