ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހުންނަ ތަކެތި ވަޔާ ނުދާނޭ ފަދައިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން މިއަދު އެދިއްޖެއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޫސުން ގޯސްވެ އިންތިހާއަށް ވައި ގަދަވެފައި ވާ މިފަދަ ދުވަސްވަރެއްގައި ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހުންނަ ބައެއް ތަކެތި ވަޔާ ގޮސް ހިތާމަވެރި ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށާއި އެފަދަ ކަންކަމުން ކުރިއާލާ ރައްކާތެރިވެގެން ތިބުމަށެވެ.

މީގެ ދެދުވަސް ކުރިންވެސް ވަނީ ހުޅުމާލެ ފޭސް 1 ގައި އިމާރާތް ކުރަމުންދާ އެޕޯލޯ ޓަވަރުގައި ޖަހާފައި ހުރި ފެންސްތަކެއް ވަޔާ ދާތީ ފުލުހުން ހަރަކާތްތެރި ވެފައެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ދައުރުވަމުންދާއިރު ބިޔަ ފެންސެއް މަގު މައްޗަށް ވެއްޓޭ މަންޒަރު ފެނެއެވެ. އަދި އެވަގުތު މަގުމަތީ ބައެއް ވެހިކަލްތައް ދަތުރުކުރަމުންދާ މަންޒަރުވެސް ފެނެއެވެ.

މީގެއިތުރުން މި ދުވަސްވަރަކީ މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަ ދުވަސްވަރަކަށް ވުމާއި އިމާރާތްކުރާ ސައިޓުތަކަކީ މަދިރި އާލާވާ ގޮތަށް ފެން ހަރުލާފައި ހުންނަ ތަންތަނަށް ވުމުން އެ ތަންތަން ސާފުކޮށް ބަލެހެއްޓުމަށްވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އެދިފައެވެ.

އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާވާނެހެން ހުންނަ ތަންތަން ސާފުކޮށް އަދި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކުރަމެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީ

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގުގެ ވިއްސާރައިގައި ކުރިއަށް ދުވަސްތަކުގައި މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މެޓް އޮފީހުންވެސް ވަނީ ލަފާކޮށްފައެވެ. އެގޮތުން މިއަދު 14:45 އިން 17:30 އަށް ށ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލާޓު ނެރެފައިވާއިރު، މިއަދު 13:00 އިން 17:00 އަށް ހއ. އަތޮޅުން ފެށިގެން އދ އަތޮޅަށްވެސް ވަނީ ރީނދޫ އެލާޓު މެޓް އިން ނެރެފައެވެ.