ގައުމުގެ މިނިވަންކަން ދެމެހެއްޓޭނީ ކާބަފައިންގެ އާސާރީ ތަރިކަތައް ރައްކާތެރިކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ދާރުލްއާސާރު ދުވަހުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ ދިވެހިވަންތަކަން ހިމާޔަތްކޮށް، ގައުމުގެ މިނިވަންކަން ދެމެހެއްޓޭނީ ކާބަފައިންގެ އާސާރީ ތަރިކަތައް ރައްކާތެރިކޮށްގެން ކަމަށާއި އެކަން ކުރުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ.
ރާއްޖޭގެ ތަރިކަ ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ރައީސް މުއިއްޒު ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ނަމުގައި ހާއްސަ ވުޒާރާއެއްވެސް އުފައްދަވާފައެވެ. މި ވުޒާރާއިން ގެންދަނީ ދިވެހި މާއްދީ ތަރިކައިގެ ތެރޭގައި ހިމެނޭ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެއިތުރުން ދިވެހިންގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ދިވެހި ޒުވާނުންގެ ފަންނީ ގުރޫޕެއް އުފެއްދުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.
މި ވުޒާރާގެ ވަޒީރު އާދަމް ނަސީރު މީގެ ކުރިން ވިދާޅުވީ ދިވެހީން ދިވެހީންގެ ގޮތުގައި ދެމިތިބުމަށާއި، ދިވެހީންގެ އަސްލު ސަލާމަތް ކުރުމަށްޓަކައި ދިވެހިބަސް ސަލާމަތް ކުރުމަކީ މިވަގުތު ކުރުން އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އެގޮތުން ބައެއްގެ އަސްލުތައް ސަލާމަތް ކުރުމަށްޓަކައި އެންމެ ފުރަތަމަ ސަލާމަތް ކުރަންޖެހެނީ އެބައެއްގެ ބަސް ކަމަށާއި ދިވެހީން ދިވެހިބަހުން ރަނގަޅަށް މުއާމަލާތްކޮށް އުޅުނުއިރު ދިވެހީން އުފެއްދި އުފެއްދުންތައް މާ މޮޅުވެފައި ފުރިހަމަކަން އާދަމް ނަސީރު ވަނީ ފާހަގަކުރައްވާފައެވެ.