ދިވެހީން، ދިވެހީންގެ ގޮތުގައި ދެމިތިބުމުގެ ސިއްރަކީ ދިވެހި ބަސްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ދިވެހިރާއްޖެ، ދިވެހިވަންތަ، ދިވެހިދިދަ، ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާއި ސިޔާދަތު، ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއްވެސް ގުޅިފައިވަނީ "ދިވެހި" ބަހާ ކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މާޒީއާއި މިއަދު އަދި މާދަމާ ވެސް ދިވެހީންގެ ގޮތުގައި ދިވެހީން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހަކީ، ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހެވެ. މި ދުވަހަކީ ބަހުގެ ތަފާތުކަމާއި އަދި ބަހުގެ ސަގާފީ ތަފާތުކަމާއި ބަހުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ ބަސް ކުރިއެރުވުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.
ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރަމުންދާތާ 25 އަހަރުވީ ރިހި ޔޫބީލް ފާހަގަކުރަމުންދާ މި އަހަރުގެ މި ދުވަހުގެ ޝިއާރު އަލިއަޅުވާލާފައިވަނީ ދެމެހެއްޓެނިވި ތަރައްގީގެ ދުނިޔެއެއް ބިނާކުރުމަށްޓަކައި ބަހުގެ ތަފާތުކަމުގެ ކުރިއެރުންތައް ހަލުވިކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.