ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުހައްމަދު ވަހީދު އަވަހާރަ ވެއްޖެއެވެ.
މަޑުލު ވަހީދު އަވަހާރަ ވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.
ގިނައަދަދެއްގެ ދިވެހި ފޮތްތައް ލިޔުއްވާފައިވާ މަޝްހޫރު ލިޔުންތެރިޔާ މަޑުލު ވަހީދުއަކީ ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލާތާއު ގުޅޭ ގޮތުން ގިނަ ސުރުހީތަކަކަށް ފޮތާއި ނޫސް އާޓިކަލްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. މަޑުލު ވަހީދު ލިޔުއްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި ހުސްނީ ނުވަތަ ކެހިވެރި ލޯބި އަކީ ފާހަގަކޮށްލެވޭ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ވާހަކައެކެވެ.
މަޑުލު ވަހީދު ވަނީ ގައުމީ ލިޔުންތެރިކަމުގެ ހިއްތަވަރުދިނުމުގެ އިނާމު 1985 ގައި އަދި ދިވެހި ނޫސްވެރިކަމުގެ ރަން ގަލުމުގެ އިނާމު 1993 ގައި ލިބިވަޑައިގެންފައެވެ. މަޑުލު ވަހީދަށް ވަނީ ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައެވެ.
މީގެއިތުރުން، ބައިނަލްއަގްވާމީ ކުޑަކުދިންގެ އަހަރުގެ ގޮތުގައި ފުރަތަމަ ފާހަގަކުރެވުނު އަހަރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުއްވައިލެއްވި ފޮތް ލިޔުމުގެ މުބާރާތުން ވަނީ އެއްވަނަ ހޯއްދަވާފައެވެ.