ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހިބަހުގެ އެކެޑަމީއަށް 10،000 ޔޫއެސް ޑޮލަރު ހަދިޔާ ކޮށްފިއެވެ.

މި ފައިސާ ހަވާލު ކުރީ ދިވެހިބަހުގެ އެކެޑަމީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޕާކިސްތާނުގެ ފަރާތުން މި އެހީ ހަވާލުކޮށްދެއްވީ އެ ގައުމުން ޜާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ފައްޔާޒު ގީލާނީއެވެ. އަދި އެހީއާ ހަވާލުވެވަޑައިގެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.

ފައިސާ ހަވާލު ކޮށްދެއްވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ ވަރަށް ހާއްސަ ގުޅުމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ރާއްޖޭގެ ތައުލީމީ ދާއިރާއާއި ތިމާވެށީގެ ދާއިރާއާއި އުމްރާނީ ތަރައްގީގެ ދާއިރާއާއި ކުޅިވަރުގެ ދާއިރާގައި ވެސް ޕާކިސްތާނުގެ އެހީތެރިކަމާއެކު ކުރެވިފައިވާ އަދި ކުރެވެމުންދާ ކަންކަން ފެންނަން އެބަހުރި ކަމަށެވެ.

އަދި މިއަދު އެކެޑަމީއަށް މިވެވުނު އެހީއަކީ ރާއްޖޭގެ ތަރިކައާ ސަގާފަތުގެ ދާއިރާއަށް ވެދެވޭ އެހީއެއްކަން ފާހަގަ ކުރައްވާ ސަފީރު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސަފީރުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ޕާކިސްތާނާ ރާއްޖެއާ ދެމެދު އޮތް ގުޅުން ގިނަ ދާއިރާ ތަކަކުން އިތުރަށް ހަރުދަނާވެގެންދާނެކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ.

ޕާކިސްތާނުގެ ސަފީރު، މުޙައްމަދު ފައްޔާޒު ގީލާނީ

މީގެ އިތުރުން ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސީރު ވަނީ ބަހުގެ އެކެޑަމީގެ އުންމީދުތައް ހާސިލުކުރުމަށް މިއީ ވަރަށް ބޭނުންތެރި އެހީއެއް ކަމަށް ވިދާޅުވެފައެވެ. އަދި ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހީންނަށް ލިބިފައިވާ އަދި ލިބެމުންދާ އެހީއަކީ އަގުނުކެރެވޭނެ އެއްޗެއްކަމަށާއި، އެކަމަށްޓަކައި އެންމެހައި ދިވެހީންގެ ނަމުގައި ވަޒީރު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ހަމައެހެންމެ މި ފަދަ ކަންކަމުގައި ދިވެހިރާއްޖޭގެ ރައީސްގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ވިލުންތެރިކަން ވަރަށް ބޮޑު، އެހާމެ މުހިންމު ދައުރެއް އަދާކުރާކަން ފާހަގަ ކުރައްވާ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފު ޢަބްދުއްރަހީމްގެ އިތުރުން ނައިބު ރައީސް ޒުލްފާ އިބްރާހީމަށް ވެސް ވަޒީރު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ދިވެހިބަހުގެ އެކެޑަމީގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ސަފީރު، ފައްޔާޒު ގީލާނީގެ އިތުރުން ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގްރްނައިން އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސް ވެރީންނާއި ދިވެހިބަހުގެ އެކެޑަމީގެ މުޝީރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.