މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށް މިރޭ 8 އިން މެންދަމު 12 ޖެހުމާ ހަމައަަށެވެ.

މެޓް އޮފީހުން އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ އެވަގުތުގައި ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ޔެލޯ އެލާޓް އެ ސަރަހައްދުތަކަށް ނެރެފައިވާއިރު މެޓް އޮފީހުން ވަނީ މިރޭ 6:15 އިން މެންދަމު 12 ޖެހުމާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ. މެޓް އޮފީހުން ބުނެފައިވަނީ މުޅި ރާއްޖެއަށް އެލާޓް ނެރެފައިވަނީ ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މާލެ ސަރަހައްދު ހިމެނޭ ގޮތަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދު ވަނީ ގަދަ ވަޔާއެކު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ޓަވަރެެއްގައި ޖަހާފައި ހުރި ފެންސްތަކެއް ވަޔާ ވެއްޓިފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ފެންސްތައް ވަޔާ ގޮސްފައިވަނީ ހުޅުމާލެ ފޭސް 1 ގައި އިމާރާތް ކުރަމުންދާ އެޕޯލޯ ޓަވަރުގައި ޖަހާފައި ހުރި ފެންސްތަކެއް ކަމަށާއި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން މިހާރު އެ މަގު ބަންދުކޮށްފައިވާ ކަމަށެވެ.