މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަޝްރޫއު ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ޑިފެންސް މިނިސްޓްރީ އާއި އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އިތުރުން ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެން ކުރިޔަށް ގެންދާ މަޝްރޫއު ފަށާފައިވަނީ މިމަހުގެ 9 ވަނަދުވަހު އެވެ. އަދި އެ މަސައްކަތް ދެ ހަފްތާ ތެރޭގައި ނިންމާލެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެ މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ޑިފެންސް މިނިސްޓްރީން ބުނީ ކަލެކްޝަން ޓޭންކުގެ ކޮންކްރީޓް މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި މަސައްކަތް ހިގަމުންދާ ސަރަހައްދުގައި ޓެރްފިކް ފްލޯއަށް ގެންނަން ޖެހޭ ބަދަލު ކަމާއި ގުޅޭ ދައިރާތަކާއި މަޝްވަރާކޮށް އެ ބަދަލުތައް ގެންނަމުންދާކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދިނެވެ.

މި މަޝްރޫއުގެ ދަށުން ފުރަތަމަ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ނިންމާފައި ވަނީ ވެސްޓް ޕާކު ސަރަހައްދެވެ. މިއީ މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވާ މައްސަލައަކީ އަހަރުތަކެއް ވަންދެން ހައްލެއް ނުލިބި އޮތް މައްސަލައެކެވެ. ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކުންވެސް މި މައްސަލަ ހައްލު ކުރުމަށް އެކި މަސައްކަތްތައް ކުރި ނަމަވެސް މިހާތަނަށް މިކަމެއް ހައްލެއް ލިބިފައި ނުވެއެވެ.

މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ވެސް ބޮޑެތު ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން ވާރޭވެހިި މަގުތަކުގައި ފެންބޮޑުވެ ގޭގޭއަށް ފެންވަދެ ހިފާ ގެންގުޅޭ ސާމާނުތަކަށް ފެނުގެ އަސަރުކުރުމަކީ އާންމުކޮށް ދިމާވާ ކަންކަމެވެ.