އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށްގެން، 500،000 ރުފިޔާއާ ހަމައަށް ލޯނު ލިބޭ އާ ފައިނޭންސިން ހިދުމަތެއް ތައާރަފު ކޮށްފިއެވެ.
އެސްޑީއެފްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮންޓެންޓް ކްރިއޭޓާ ފައިނޭންސިންގެ ދަށުން ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުން، އިންފްލުއެންސަރުން އަދި ވީޑިއޯގްރާފަރުންނަށް ރަހުނަކާ ނުލާ 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެކަމަށެވެ. ރަހުނެއް ހުށަހަޅައިގެން 500,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެސްޑީއެފްސީން ބުނީ އަހަރަކު 9.5 ޕަސެންޓުގެ ފައިދާ ރޭޓެއްގައި، ގިނަވެގެން 5 އަހަރުގެ ތެރޭގައި ފެސިލިޓީ އަނބުރާ ދެއްކުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އަދި 6 މަހަށް ވުރެ ދިގު ނޫން ގްރޭސް ޕީރިއަޑެއް ވެސް ހިމެނޭ މި ފައިނޭންސިން މެދުވެރިކޮށް އިކުއިޕްމަންޓް ހޯދުމާ، ޕްރޮޑަކްޝަން ހަރަދުތައް ހަމަޖެއްސުމާ، ކްރިއޭޓިވް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ހަރަދުތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.
ކްރިއޭޓިވް އިކޮނޮމީއަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާ ކަން ފާހަގަކޮށް އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ މި ފައިނޭންސިން ފެސިލިޓީއާ އެކު، ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު އުފައްދާ ފަރާތްތަކާއި ޑިޖިޓަލް ކްރިއޭޓަރުންނަށް ދުނިޔޭގެ މަސްރަހުގައި ދިވެހިންގެ ކްރިއޭޓިވިޓީ ދައްކުވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ލިބޭނެކަން ކަށަވަރުކުރާ ކަމަށެވެ.
މި ފެސިލިޓީއަށް އެސްޑީއެފްސީގެ ވެބްސައިޓްގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.