މާބަނޑު އަންހެނަކަށް އޭނާގެ އާއިލާއިން އަނިޔާކުރާ މައްސަލައެއް ބަލަން ފަށައިފިއެވެ.

މާބަނޑު އެ އަންހެން މީހާ ވަނީ އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯ ނަގާ، ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.

އެ ފޮޓޯތަކުގައި އަތާއި ގައިގެ އެކި ތަންތަނުގައި ތޫނު އެއްޗަކުން ހަމަލާދީފައި ހުރި ކަމަށް ފެންނަން ހުރި އިރު އެތަންތަނުން ވަނީ ލޭ ވެސް އައިސްފައެވެ. އަދި ކަރު ކައިރީގައި ހޫނު އެއްޗެއް ޖައްސާފަ ހުރި ފަދަ އަނިޔާތަކެއްވެސް ފެންނަން ހުއްޓެވެ.

އެ ފޮޓޯތައް ހިއްސާކޮށް އެ އަންހެން މީހާ ބުނެފައި ވަނީ އެ ފޮޓޯތައް ޕޯސްޓް ކޮށްފައި ވަނީ ކެތް ނުވެގެން ކަމަށާއި އެކަމާ ރުޅިއަންނަކަން ވެސް އެނގޭ ކަމަށެވެ. އަދި އޭނާއަކީ މާބަނޑު މީހެއް ކަމަށާއި އޭނާގެ ބައްޕައާއި 18 އަހަރު ނުފުރޭ ކޮއްކޮ އޭނާގެ ބަނޑުގައި ތަޅާ، އެކި ތަންތާ ބޯ ޖައްސާ އަނިޔާ ކުރަމުންދާ ކަމަށެވެ.

އެ މީހާ ވަނީ އެ ލިބެމުންދާ އަނިޔާއަށް އޭނާއަށް އިންސާފު ލިބޭނެތޯ އަހާ ފުލުހުންނަށް ސުވާލެއް ވެސް އަމާޒު ކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އުތުރުގެ ރަށެއްގައެވެ.