މާލެ އަދި ހުޅުމާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 6 ސީޓް އަށްވުރެ ދަށުގެ އުޅަނދު ތަކާއި 7-10 ސީޓާ ދެމެދު އުޅަނދު ތަކުން ނެގޭނެ އަގުތަކަށް އަމަލުކުރަން ފަށާނީ މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެގޮތުން ޒޯން އެތެރޭގެ ދަތުރުތައް މާލެ، ހުޅުމާލެ ފޭސް އެކެއް އަދި ދެއަކަށް 6 ސީޓް އަށްވުރެ ދަށުގެ އުޅަނދު ތަކަށް -/30ރ އަދި 7-10 ސީޓާ ދެމެދު އުޅަނދު ތަކަށް -/45 ރުފިޔާ ނެގޭގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

މާލެ އިން 6 ސީޓް އަށްވުރެ ދަށުގެ އުޅަނދު ތަކުން:

  • ހުޅުމާލެ ފޭސް 1: -/85ރ
  • ހުޅުމާލެ ފޭސް 2: -/100ރ
  • އެއާޕޯޓު: -/70ރ

މާލެ އިން 7-10 ސީޓާ ދެމެދު އުޅަނދު ތަކުން:

  • ހުޅުމާލެ ފޭސް 1: -/130ރ
  • ހުޅުމާލެ ފޭސް 2: -/155ރ
  • އެއާޕޯޓު: -/110ރ

ހުޅުމާލެ ފޭސް އެކަކުން ދެއަކަށް 6 ސީޓް އަށްވުރެ ދަށުގެ އުޅަނދު ތަކުން -/40ރ އަދި 7-10 ސީޓާ ދެމެދު އުޅަނދު ތަކުން -/60ރ ނެގުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ހުޅުމާލެ ފޭސް އެކަކުން އެއާޕޯޓަށް 6 ސީޓް އަށްވުރެ ދަށުގެ އުޅަނދު ތަކުން -/80ރ އަދި 7-10 ސީޓާ ދެމެދު އުޅަނދު ތަކުން -/125ރ ނެގުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

ހުޅުމާލެ ފޭސް ދެއަކުން 6 ސީޓް އަށްވުރެ ދަށުގެ އުޅަނދު ތަކުން އެއާޕޯޓަށް -/85ރ ނަގަން ހަމަޖެހިފައިވާއިރު 7-10 ސީޓާ ދެމެދު އުޅަނދު ތަކުން -/130ރ ނެގުމަށް ވަނީ ހަމަޖައްސާފައެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ޓެކްސީއަށް އަރުވާ ލަގެޖްގެ ތެރެއިން 3 ލަގެޖް އަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް -/5ރ ނެގޭނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ އެއާޕޯޓް ޓެކްސީ ކިއުއާ ގުޅޭ މައްސަލަ ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ކިއުއާރް ކޯޑް މެދުވެރިކޮށް މިހާތަނަށް 40 ޝަކުވާ ލިބިފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން "ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކިއުއާރް ކޯޑް މެދުވެރިކޮށް މިހާތަނަށް ގާތްގަނޑަކަށް 40 ޝަކުވާ ހުށަހަޅާފައި ވާއިރު އެ ހުރިހާ މައްސަލައެއް ބަލާފައިވާ ކަމަށެވެ. އެގޮތުން މައްސަލަ ހުށަހެޅި ފަރާތާއި ޓެކްސީ ޑްރައިވައިރުގެ ވާހަކަ އޮޅުންފިލުވައި، 9 ޓެކްސީ ޑްރައިވަރަކަށް ނަސޭހަތްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާންމުންގެ ފަރާތުން ހުށަހަޅާ މިފަދަ ޝަކުވާތައް ބެލުމަށްޓަކައި މިނިސްޓްރީއިން ވަނީ ޓެކްސީ ޝަކުވާ ބެލުމާ ގުޅޭ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.