މާލެ ސަރަހައްދުގެ ސްކޫލްތަކަށް ދަރިވަރުން ބަދަލު ކުރުމަށާއި ވެއްދުމަށް ފަހު ފުރުސަތެއް ދީ މި މަހުގެ 15 އާއި 16 ވަނަ ދުވަހު ފޯމް ހުށަހަޅަން ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް މާލޭ ސަރަހައްދުގެ ސްކޫލްތަކަށް އަލަށް ދަރިވަރުން ވެއްދުމާއި، ސްކޫލް ބަދަލު ކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި ލިންކުގައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ ގޮތުން މި ފޯމް ހުށަހަޅަން ޖެހޭ ހާލަތްތައް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހިއްސާ ކޮށްފައެވެ.

އެއީ ސަރުކާރު ސްކޫލެއްގެ ފައުންޑޭޝަން ސްޓޭޖްގެ ކުލާހަކަށް ވައްދަން ބޭނުންވާ ދަރިވަރުންނާއި، ގްރޭޑް 1 އަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުންނަށެވެ. ހަމައެއާއެކު ޕްރައިވެޓް ސްކޫލަކުން ސަރުކާރު ސްކޫލަކަށް ބަދަލުވާން ބޭނުންވާ ދަރިވަރުންނާއި ރާއްޖެއިން ބޭރުގެ ގައުމެއްގައި އުޅެފައި ރާއްޖެއަށް ބަދަލުވެ، ސަރުކާރު ސްކޫލަކަށް ވަންނަން ބޭނުންވާ ދަރިވަރުންނަސް ވެސް އެ ފޯމް ފުރިހަމަ ކޮށް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ ކުރިން ވެސް ވަނީ މާލޭގެ ސްކޫލްތަކަށް ވެއްދުމަށް ފުރުސަތު ހުޅުވާލާފައެވެ. އެ ބުރުގައި ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވަނީ މެއި މަހުގެ 7 އާ ހަމައަށެވެ. އަދި އެ މުއްދަތގައި ހުށަހަލާ ފޯމްތަކަށް މިއަދު ޖަވާބު ދީ ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭގެ ސްކޫލަކަށް ބަދަލު ކުރުމަށް ހުޅުވާލި ފުރަތަމ ފުރުސަތުގައި މެއި މަހުގެ 5 ވަނަ ދުވަހާ ހަމައަށް 4000އަށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ. އެގޮތުން އެންމެ ގިނަ ފޯމް ހުށަހަޅާފައި ވަނީ ގްރޭޑް 1އަށް ވައްދާ ކެޓަގަރީންނެވެ.

މިދިޔަ މަހުގެ ނިޔަލަށް މިދިިޔަ ދިރާސީ އަހަރުގެ ކިޔެވުން ނިންމާލާފައިވާ އިރު، ދިރާސީ އާ އަަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

ކޮންމެ އަހަރެއްގެ ވެސް ދިރާސީ އާ އަހަަރާ ދިމާކޮށް ގިނަ އަދަދެއްގެ ދަރިވަރުން މާލެ ސަރަހައްދު ސްކޫލްތަކަށް ބަދަލުވާ ކަމަކީ ފާހަގަ ކުރެވޭ ކަމކެވެ. އެ ގޮތުން ރަށްރަށުގެ ސްކޫލްތަކުން މާލެ ސްކޫލްތަކަށް ގިނަ ދަރިވަރުންތަކެއް ބަދަލުވާ އިރު، ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ވެސް ސަރުކާރު ސްކޫލްތަކަށް ކޮންމެ އަހަރަކު ބަދަލުވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.