ދިވެހިރާއްޖޭގެ ދެކުނަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މޭ މަހުގެ ފުރަތަމަ ހަފްތާ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާ ކަމަށެވެ. އަދި އޭގެ ފަހުން މި މޫސުމުގެ އަސަރު މެދު ރާއްޖެތެރެއަށް ފޯރައި، މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާ ކަމަށެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ރާއްޖޭގައި އިރުވައި މޫސުން ދެމި އޮންނަނީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމި އޮންނަނީ މޭ މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑު:

  • 1 މޭގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރުގެ ނުވަތަ އިތުރަށް ވާރޭ ވެހުން، އަދި މި ހާލަތު ވިދިވިދިގެން 2 ދުވަހުން ނުވަތަ އިތުރަށް ދެމިގެން ދިއުން
  • ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރު މިނުގައި ވައިޖެހުން، އަދި މިހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން

މި އަހަރުގެ ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެންބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. އަދި ރާއްޖޭގެ ދެކުނަށް މިދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުން ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.