މިހާރު ދިވެހިރާއްޖޭގައި ތިބީ ފޮނުވާލި އިންޑިއާ ސިފައިންގެ ބަދަލުގައި އައިސް ތިބި 76 އިންޑިއާ ސިވިލިއަނުން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ހުރިހާ އިންޑިއާ ސިފައިން ފޮނުވާލާފައިވާ ކަމަށެވެ. އަދި ހެލިކޮޕްޓަރާއި ޑޯނިއާ މެއިންޓެއިންކޮށް ބެލެހެއްޓުމަށް އެ ކޮންމެ މީހެއްގެ ބަދަލުގައި އިންޑިއާގެ ސިވިލް މީހަކު އައިސްފައިވާ ކަމަށެވެ.

އެއީ ހެލިކޮޕްޓަރު އުފެއްދި ކުންފުނިން ފޮނުވާފަ ތިބި މީހުން ކަމަށާއި މިލިޓަރީ މީހުން ނޫން ކަމަށް ޒަމީރު ވިދާޅުވިއެވެ. އެއީ ހިންދުސްތާން އެއަރޮޓިކްސް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ މީހުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ސިވިލް މީހުން ތިބުމަށް ހަމަޖެހިފައިވާ ތަންތަނާއި އަދަދު:

  • ސ.ގަން - 26 މީހުން

  • ހދ. ހަނިމާދޫ - 25 މީހުން

  • ލ.ކައްދޫ - 25 މީހުން

ޒަމީރު ވިދާޅުވީ މިހާރު އެއްބަސްވެފައިވާ ގޮތުން ކައްދޫ އަދި ގަމުގައި ތިބި މީހުންގެ މުއްދަތު ހަމަވާނީ ފެބްރުއަރީ 2025ގައި ކަމަށެވެ. އަދި ހަނިމާދޫގައި ތިބި ސިވިލިއަނުންގެ މުއްދަތު ހަމަވާނީ 2026ގެ ފެބްރުއަރީއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސިވިލިއަނުންގެ ގޮތުގައި މަސައްކަތް ކުރަން ވަރަށް ގިނަ ގައުމުތަކުގެ މީހުން ތިބޭކަން ފާހަގަކޮށް ޒަމީރު ވިދާޅުވީ އެކަމުގެ ސަބަބުން މިނިވަންކަމަށް ބުރޫ އަރާ ކަމަށް ދެކިނުލައްވާ ކަމަށެވެ. އަދި އެމީހުން ތިބެގެން ގައުމުގެ މިނިވަންކަމާއި ސިޔާދަތައް ނުރައްކާވާނެ ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވޭނަމަ، ސަރުކާރުން އެކަމާ ފުންކޮށް ވިސްނާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓަރު ޣައްސާން މައުމޫނު ވިދާޅުވީ މިލިޓްރީ މީހުން ތަބާވާން ޖެހޭނީ މިލިޓަރީ ކޮމާންޑަރުންނަށް ކަމަށެވެ. އަދި މިހާރު ސިވިލިއަނުން ތިބުމުން ފުރިހަމަ ސިޔާދަތު އޮތީ ދިވެހިންގެ އަތުގައިކަން ކަށަވަރުވާ ކަމަށެވެ. އަދި ކޮމާންޑް އެންޑް ކޮންޓްރޯލް ހަމަޖެހިފައި އޮތް އުސޫލުގެ ދަށުން ޑިފެންސް މިނިސްޓްރީ އަދި އެމްއެންޑީއެފްއިން ހުއްދަދީގެން މެނުވީ އެމީހުންނަކަށް ފްލައިޓް އޮޕަރޭޓް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.